އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ މަހާނަ
އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ މަހާނަ
މިއަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް ޤަތުލުކޮށް މަރާލި އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ ޢުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ކުށަށް އިޢުތިރާފްވެފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޝާ އަލޮމްގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނާއި ޙަވާލާދީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، ޤާނޫނުލްޢުޤޫބާތާއި ޙަވާލާދީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ކަމަށެވެ.

ފުލުހުން ޝާ އަލޮމް ހައްޔަރުކޮށްފައިވަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެއިންނެވެ. އޭނާއަކީ އެގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ މަޙުމޫދު މަރާލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް ޝާ އަލޮމް މިއާ އެކަންޏެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މަހުގެ ދެވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މަހުމޫދުގެ ބޮލަށް ބޮޑު ތިން އަނިޔާއެއް ދީފައި ހުރިކަން ފާހަގަވާ ކަމަށެވެ. އަދި ހަށިގަނޑު އެކި ތަންތަނުން 30 އަށްވުރެ ގިނަ ޒަހަމްތައް ފާހަގަ ކުރެވޭ ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ހަމަލާ ދީފައި ހުރި ކަމަށެވެ. ފުލުހުން ބުނީ ހަމަލާ ދިނުމަށް ފަހު މަރުނުވާހެން ހީވި ކޮންމެ ފަހަރަކު އަނެއްކާވެސް ހަމަލާ ދީފައި ހުރި ކަމަށެވެ.

މަޙްމޫދުގެ މަރާ ގުޅިގެން ފުލުހުން ވަނީ ބިދޭސީ މީހާ އުޅެމުންދިޔަ ގެ ބަލާ ފާސްކޮށް ގިނަ ހެކިތަކެއް ހޯދާފައެވެ. އެގޮތުން މަޙްމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލާގައި އިތުރު މީހަކު ބައިވެރިވެފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން