ފޮޓޯ: ދިރާގު
ފޮޓޯ: ދިރާގު
ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ދިރާގުގެ ކުރީގެ ޗެއާމަން ރިޟްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ.

ރިޟްވާން އަވަހާރަވީ މީގެ ދުވަސްކޮޅެއް ކުރިން ޖެހުނު ސްޓްރޯކަކާ ގުޅިގެން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ކޮމިއުނިކޭޝަންސް ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ދިގު މުއްދަތެއްގެ ޚިދުމަތެއް އަދާކުރެއްވި ރިޟްވާން އެންމެ ފުރަތަމަ ދިރާގާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެ ކުންފުނީގެ އެކި ފަންތީގެ މަގާމުތަކުގައި ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް އޭނާ ވަނީ ކޮށްދެއްވާފައެވެ.

އެގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ޖެނުއަރީ 2014 އިން ފެބްރުއަރީ 2015 ގެ ނިޔަލަށް އެ ކުންފުނީގެ ޗެއާމަންކަމުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. މީގެއިތުރުން، ރިޟްވާން ވަނީ މޯލްޑިވްސް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ޑިރެކްޓަރުގެ މަގާމާއި، ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކާމިޔާބުކަމާއެކު އަދާކުރަށްވާފައެވެ.

ރިޟްވާން އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކޮށް، ދިރާގުން މީސްމީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އޭނާ ދުނިޔެއާ ވަކިވެދިއުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި ދިރާގުން ވަނީ ރިޟްވާންގެ އާއިލާއަށާއި އެންމެހައި އެކުވެރިންނަށް ފުން ހިތާމައިގެ މި ދަނޑިވަޅުގައި އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު