ޕެނަމާ މައްސަލައިގެ ފައިސާގެ މުއާމަލާތެއްގެ މައްސަލައިގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީއާއި ސުވާލު ކުރުމަށް އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީޑީ) އަށް ހާޒިރުކޮށްފިއެވެ.

ޕެނަމާ ކޭހާއި ގުޅިގެން އިންޑިއާގެ ފޮރިން އެކްސްޗޭންޖު ގާނޫނާ ހިލާފުވިކަމުގެ ތުހުމަތުތަކެއް އައިޝްވާރިއާއަށް ވަނީ ކޮށްފައެވެ. އެގޮތުން ބްރިޓިޝް ކުންފުންޏަކަށް އިންވެސްޓުކޮށް ފައިސާ ރައްކާކޮށްފައިވާ ކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އައިޝްވާރިއާ އިންވެސްޓު ކުރި ބްރިޓިޝް ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އޭނާގެ ނަންވަނީ 2004 ވަނަ އަހަރު ހިމެނިފައެވެ. ނަމަވެސް 2009 ވަނަ އަހަރު އައިޝްވާރިއާ ވަނީ އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުންތައް އުވާލާ އެކުންފުނީގެ ޑިރެކްޓަރުންގެ ލިސްޓުންވެސް ވަކިވެފައެވެ.

މިއީ ޕެނަމާ ކޭހާއި ގުޅިގެން އައިޝްވާރިއާއާއި ސުވާލު ކުރެވުނު ތިން ވަނަ ފަހަރެވެ. މިފަހަރު ފަސް ގަޑިރުވަންދެން އައިޝްވާރިއާއާއި ސުވާލުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޕެނަމާ ކޭހަކީ ދުނިޔޭގެ މުއްސަނދި އަދި ބާރުވެރި ފަރާތްތަކުން ނަހަމަ ގޮތުގައި އޮފްޝޯރ އެކައުންޓްތަކުގެ އެހީގައި ޓެކްސް ނުދައްކާ ވިޔަފާރިކުރިކަން ފަޅާއެރި މައްސަލައެކެވެ. ޕަނަމާގެ ލިޔެކިޔުންތައް ލީކުކޮށް ވަގުވިޔަފާރިތައް ފަޅާއަރުވައި، ޕަނަމާ ކޭސްގެ ތަހުގީގުތައް ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އެގޮތުން އިންޑިއާގައި ޕަނަމާ ކޭހާއި ގުޅުންހުރި ފަރާތްތަކުގެ މައްސަލަ ބަލަމުންދަނީ އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓޮރޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން