ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޓޮމް ހޮލޭންޑާއެކު ސްޕައިޑަރމޭންގެ އިތުރު ފިލްމުތަކެއް އުފައްދައި ރިލީޒް ކުރުމަށް ނިންމާފައިވާކަމަށް ސްޕައިޑަރމޭން ފިލްމުތައް އުފައްދައި ރިލީޒް ކުރަމުންދާ މާވެލް ސްޓޫަޑިއޯސް އިން ހާމަކޮށްފިއެވެ.

މާވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފެއިޖް ވަނީ ޓޮމް ހޮލޭންޑާއެކު ސްޕަައިޑަރމޭން ސީކުއެލްގެ އިތުރު ފިލްމެއް ރިލީޒް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. މިގޮތުން ސްޕަައިޑަރމޭން ސީކުއެލްގެ ކުރިއަށް ރޭވިފައިވާ މިފިލްމުގެ މަޝްވަރާތައް ޑިޒްނީ އަދި ސޮނީއާއެކު ކުރަމުންދާކަމަށް ކެވިން ފާހަގަ ކުރިއެވެ.

ސްޕަައިޑަރމޭން ސީކުއެލްއިން އެންމެ ފަހުން ރިލީޒް ކޮށްފައިވަނީ ސްޕައިޑަރމޭން ނޯވޭ ހޯމްއެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ 13 ވަން ދުވަހުއެވެ. ބައިނަލް އަގުވާމީ ގޮތުން ގިނަ ސިނަމާތަކެއްގައި ރިލީޒްކޮށްފައިވާ މިފިލްމަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ސްޕައިޑަރމޭން ނޯވޭ ހޯމް ގައިވެސް ސްޕައިޑަރމޭންގެ ރޯލުން ފެނިގެންގޮސްފައިވަނީ ޓޮމް ހޮލޭންޑެވެ. ސްޕައިޑަރމޭންގެ ރޯލުން ޓޮމް ހޮލޭންޑްގެ ފުރަތަމަ ފެނިލުން އިއުލާންކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެގޮތުން އޭނާ ފުރަތަމަ ފެނިގެން ދިއައީ ފިލްމް ކެޕްޓަން އެމެރިކާ: ސިވިލް ވޯރ އިންނެވެ. ސްޕައިޑަރމޭންގެ ރޯލުން ފުރަތަމަ ފަހަރަށް ޓޮމް ލީޑު ކުރި ފިލްމަކަށް ފެނިގެން ދިއައީ 2017 ވަނަ އަހަރު ރިލީޒްކުރި ސްޕައިޑަރމޭން ހޯމްކަމިންގް ފިލްމުންނެވެ. އެއާއެކު ޓޮމަށް ވަނީ މާވެލް ސްޓޫޑިއޯގެ ފިލްމަކުން ލީޑް ރޯލް އަދާކުރި އެންމެ ހަގު ފިލްމީތަރީގެ ލަގަބުވެސް ލިބިފައެވެ.

ސްޕައިޑަރމޭން ހޯމްކަމިންގް އަށްފަހު، ސްޕައިޑަރމޭންގެ ރޯލުން ޓޮމް ހޮލޭންޑް ފެނިގެން ގޮސްފައިވަނީ އެވެންޖަރސް އިންފިނިޓީ ވޯ، އަދި އެންޑް ގޭމްގެ އިތުރުން ސްޕައިޑަރމޭން ފާ ފްރޮމް ހޯމް އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން