ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަންގަވާ އެންގެވުންތަކަށް ޢަމަލުކުރެއްވުމަށް ސަރުކާރުގެ ކޯލިޝަން ލީޑަރުން ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ސަރުކާރު ކޯލިޝަންގެ މުހިއްމު ބައިވެރިއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި، ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގަވާ އެންގެވުންތަކަށް އެންމެހާ ރައްޔިތުން ކެތްތެރިކަމާއެކު ޢަމަލު ކުރެއްވުމަށް އެދިވަޑައިގެންފައި ވެއެވެ. ޤާސިމް ވިދާޅުވެފައިވަނީ މިއީ ވަރަށް ޚުޠޫރަތްތެރި ދަނޑިވަޅެއްކަމަށާއި، މި ނުރައްކަލުން ސަލާމަތްވެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން ކަމަށެވެ.

ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް ގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ކަމާބެހޭ އިދާރާތަކުގެ އެންގެވުންތަކަށް ޢަމަލުކުރެއްވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ނުރައްކާތެރިކަމުން ދިވެހި ޤައުމާއި، ރައްޔިތުން ސަލާމަތްވެ ތިބުމަށްޓަކައި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ތަބާވާންޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާ އެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނުވަނީ ގޭގައި ތިއްބެވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އަންނަނީ ވަރަށް ހަރުދަނާ ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށާއި އާންމު އިޖުތިމާޢީ ގުޅުންތަކުން ދުރުހެލިވުމަށާއި އެއްވެ ނޫޅުމަށްވެސް ވަނީ އަންގާފައެވެ. މީގެއިތުރުން ސައި ހޮޓާ ކެފޭ ފަދަ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދު ކުރުމަށްވެސް މިހާރުވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން