ހުޅުމާލޭގައި އެޗްޑީސީން އަލަށް ޤާއިމްކުރަމުން ދިޔަ ކޯވިޑް ފެސިލިޓީގެ މަސައްކަތް ނިންމައޖ ހެލްތު މިނިސްޓްރީއާ އެތަން ހަވާލު ކޮށްފިއެވެ.

މާލެ ސަރަޙައްދުގައި ކޯވިޑަށް ފަރުވާ ދިނުމަށް ދާއިމީ ފެސިލިޓީއެއް ޤާއިމުކުރުމަށް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. މި ފެސިލިޓީ ޤާއިމްކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގައެވެ.

އެޗްޑީސީން ބުނީ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތުގެ ސްޓްރަކްޗަރ ބަދަލުކޮށް ހެލްތު މިނިސްޓްރީއާ މިހާރު ޙަވާލުކޮށްފައިވާކަމަށެވެ.

އެޗްޑީސީއިން ބުނީ ޢިމާރާތް މިނިސްޓްރީއާއި ޙަވާލުކުރިފަހުން އެތަން ހިންގުމަށް ހަމަޖެހިފައިވާ ހުޅުމާލޭ ހޮސްޕިޓަލުން އިތުރު ބައެއް ކަންކަން ފުރިހަމަކޮށްދިނުމަށް އެދިފައިވާތީ އެކަންކަން ކުރަމުންދާކަމަށެވެ. އަދި އެމަސައްކަތްތައްވެސް މާޗްމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެޗްޑީސީން ލަފާ ކުރެއެވެ.

ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މިފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކުރި ފެސިލިޓީއެކެވެ. އެތަން ޑިޒައިންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ. ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މިފެސިލިޓީއަކީ ރާއްޖޭގައި ކޯވިޑްގެ އިތުރު ރާޅެއް އައިނަމަވެސް ފަރުވާދެވޭނެ ކެޕޭސިޓީއާއެކު ހަދާފައިވާ ފެސިލިޓީއެއްކަމަށް ސަރުކާރުން ބުނެއެވެ.

ހުޅުމާލޭގައި މިހާރުވެސް ވަނީ ވަގުތީ ގޮތުން ފެސިލިޓީއެއް ޤާއިމުކޮށްފައެވެ. 290 އެނދުގެ މިފެސިލިޓީގައި އައިސީޔޫއަކާއި ހޮސްޕިޓަލް އޭރިއާއަކާއި މީހުން އައިސޮލޭޓް ކުރެވޭނެ ސަރަޙައްދެއް ވަނީ ޤާއިމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން