ޕީއެންއެފްގެ އެސްޖީ މަލީހް-
ޕީއެންއެފްގެ އެސްޖީ މަލީހް-
ހުޅުމާލެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބިން ދޫކުރުމަކީ ގޯހެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު ބިމެއްގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގަން އިއުލާނުކޮށްފައިވާއިރު، މި މަޝްރޫއަށް އެދި ބިޑު ހުށަހެޅުމަށް އެންމެ 6 ދުވަސް އެ ކޯޕަރޭޝަނުން ދީފައިވާތީއެވެ.

މިކަމަށް ފާޑުވިދާޅުވެ އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މަލީހް ވިދާޅުވީ މިކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

"ހުޅުމާލެ ބިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތަށް ގެއްލުން ވާގޮތަށް ދިނުން ގޯސް." މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ ބީލަން ހުށަހަޅަން އެންމެ 6 ދުވަސް ދިނުމުން އެކަން ކުރިން ފިކްސް ކޮށްފައިވާކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގަން އެޗްޑީސީން ކުރި އިއުލާނާއެކު، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ އެޗްޑީސީއަށް ތުހުމަތުތަކެއް ކޮށްފައެވެ.

މި މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހަޅަން އެޗްޑީސީން ދީފައިވަނީ އެންމެ 6 ދުވަހެވެ. 6 ދުވަހުގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި، ފައިނޭންޝަލް މޮޑެލްތައް ތައްޔާރުކޮށް ބިޑު ހުށަހެޅުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މި ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު