ޝެއާ ކުރެވޭ ގޮތަށް ދަރިވަރުންނަށް ތަރައްގީކުރި "އެކުވެހި" 3500 ރުފިޔާގެ ކުއްޔަކާއެކު ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ތަން ތަރައްގީކުރި އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ތަރައްގީކުރި އެ ތަނުގައި ދިރިއުޅެން ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެެކެއްގައި ހުޅުވާލާނެކަމަށް އެޗްޑީސީން ބުންޏެވެ. އެ ތަނުގައި ދިރިއުޅެން ކުރިމަތި ލެވޭނީ ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުން އަންނަ، މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ އޮތް، އުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް އެކަންޏެވެ.

"އެކުވެހި"ގައި 24 ގަޑިއިރުގެ ރިސެޕްޝަން ޚިދުމަތާއި މި ކޯޕަރޭޝަންގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން ގާއިމުކުރާއިރު، ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ ހުއްދަ އޮންނަ ފްލޯތަކަށް ނޫނީ ނޭރޭނެއެވެ.

"އެކުވެހި"އާ ބެހޭ އިތުރު މައުލޫމާތު މިހާރު ސެންޓްރަލް ޕާކުގައި ކުރިއަށްދާ ވަރަ އެކްސްޕޯއިން ވެސް ލިބޭނެއެވެ.

"ވަރަ އެކްސްޕޯ 2026"ގެ ތެރެއިން "އެކުވެހި"އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، އެ ތަން ބަލައިލަން ޒިޔާރަތްކޮށްލުމުގެ ފުރުސަތު ވެސް އެކްސްޕޯގެ ތެރެއިން ލިބޭނެއެވެ." އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެކުވެހި ފަރުމާކޮށްފައިވަނީ ކިޔަވާ ކުދިންގެ ދިރިއުޅުމުގައި އަމިއްލަ މިނިވަންކަމާ އެކު ޒިންމާދާރުކަމާ އެކު އުޅެން ދަސްކުރުމާއި، ހަމައެއާއެކު އެހެން ދަރިވަރުންނާ އެކު އުފެދޭ އިޖުތިމާއީ ގުޅުންތައް އެއްހަމައެއްގައި ހިފެހެއްޓޭނެ ގޮތަށެވެ. ޚާއްސަކޮށް އަތޮޅުތަކުން ކިޔަވަން އަންނަ ދަރިވަރުންގެ ސަބަބުން މުޅި އާއިލާ މާލެއަށް ބަދަލުވާންޖެހޭ ހާލަތްތައް ނިމުމަކަށް ގެނެސް، އާއިލާތަކަށް އުފުލަންޖެހޭ ބޮޑު މާލީ އަދި އިޖުތިމާއީ ބުރައަށް "އެކުވެހި"ގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެކަމަށް ވެސް ބުންޏެވެ.

"އެކުވެހި"ގައި ޖުމުލަ 178 ޓްވިން-ޝެއަރިން ކޮޓަރި ހިމެނޭއިރު، މިއީ 356 ދަރިވަރުންނަށް ޖާގަ ލިބޭނެ ޒަމާނީ ބިނާއެކެވެ. ކޮންމެ ދަރިވަރަކަށް މަހަކު ދައްކަންޖެހެނީ 3,500 ރުފިޔާއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި، އަލަމާރި، ކިޔަވާ މޭޒާއި ގޮނޑި، އަދި ފާޚާނާ ހުންނާނެއެވެ. މީގެއިތުރުން އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އާއްމުކޮށް ބޭނުންކުރެވޭ ގޮތަށް ޕެންޓްރީ އަދި ލޯންޑްރީގެ ހިދުމަތްތައް ލިބޭނެއެވެ." އެޗްޑީސީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު