ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެފައި-
ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެފައި-
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފައެވެ. އެގޮތުން އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މިކަމާ ގުޅިގެން އެންޑީއެމްއޭއިން ވަނީ ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން ދުރާލައި ފިޔަަވަޅު އަޅަން އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ ތަކެތި، ފެނުގެ އަސަރު ނުކުރާ ފަދަ ތަނަކަށް ބަދަލުކުރަން އެ އޮތީރިޓީން ވަނީ އަންގާފައެވެ.

އެންޑީއެމްއޭއިން މިގޮތަށް އަންގާފައި ވާއިރު، މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު