އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގ ލިޒިންގ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ޗައިނާގެ ހާރިޖީ ވަޒީރު ވަންގ ޔީ އެންމެފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖެއަށް އެހީ ދިނުމަށް ވެވުނު އެއްބަސްވުންތަކަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން އެއްބަސްވެވުނު ކަންކަން ތަންފީޒުކުރުމާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.



އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެމެރިކާގެ ނިއުޔޯކުގައި ހުންނަވާ ޝާހިދު ރާއްޖެ ވަޑައިގެންނެވީ ޗައިނާގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް މިމަހުގެ 7 ވަނަ ދުވަހުއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. އަދި އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އެ މަގާމާއި ރަސްމީކޮށް އެމަނިކުފާނު ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރުމަހުއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރުމަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެެވެ. ޝާހިދުގެ އެދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން