ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދަޢުވާލިބޭ ޖުނައިޙް އަބްދުﷲގެ ބޭސްފަރުވާގެ ކަންކަމުގައި މައްސަލަތަކެއް އުޅުމާއެކު، ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އަނަސްގެ މަރުގެ މައްސަލައިގައި ބޭއްވި ބަންދު މުރާޖަޢާގެ އަޑުއެހުމުގައި ދިފާޢީ ވަކީލުންވަނީ ޖުނައިޙުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދޭން ޖެހޭ ހުއްދަ މެޑިކަލް ބޯޑުން ދީފައިވާކަމަށް ބުނެފައެވެ. ނަމަވެސް ނުފުރި ލަސްވާ ސަބަބު ސާފުނުވާކަމަށް ވަކީލުން ފާހަގަކޮށްފައިވެއެވެ.

އެކަމާގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ޖުނައިޙްގެ ޓްރެވަލް ޑޮކިއުމަންޓުވެސް މިހާރު ހެދިފައިވާ ކަމަށާއި، ނަމަވެސް އޭނާއާއެކު ފުރުމަށް ހަމަޖެހިފައިވާ އާއިލާ މެމްބަރުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވުމުން ވަގުތު ނަގަމުންދާ ކަމަށް ކަރެކްޝަންސުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ދެފަރާތުގެ ވާހަކަތަކަށް ރިޢާޔަތް ކުރުމަށްފަހު ގާޒީ އަލީ ނަދީމް ނިންމަވާފައިވަނީ ޝަރުތުތަކާއެކު ޖުނައިޙް ބަންދުން ދޫކޮށްލުމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އޮތް އޮތުން 30 ދުވަހަށް ވަނީ މަޑުޖައްސާލާފައެވެ.



އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިދު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު، ދައުވާ ލިބޭ ފަރާތްތަކުންވެސް ވަނީ ދިފާއީ ހެކި ހުށައަޅާފައެވެ. އެގޮތުން ދިފާއީ ގިނަ ހެކިތަކަކީ ދައުވާ ލިބޭ ފަރާތް ހާދިސާ ހިނގި ވަގުތު އެތަނުގައި ނެތްކަން ސާބިތު ކުރުމުގެ ގޮތުން ހުށައަޅާފައިވާ ހެކިތަކެކެވެ. ދަޢުލާ ލިބޭ އެންމެންވެސް ވަނީ މީގެކުރިން ދަޢުވާއަށް އިންކާރުކޮށްފައެވެ.

އަނަސްގެ މަރާއި ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަދެ ތޫނު އެއްޗަކުން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސާވިސް ސެންޓަރަށް އަނަސް ދުވެފައިގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސްއަށް ހަމަލާދިން އެންމެންވެސް ތިބީ މާސްކް އަޅައިގެންނެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ރޭ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލާގައި އެއިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، އަނަސް އަށް ޙަމަލާދީ މަރާލާފައިވަނީ އޮޅިގެން ކަމަށާއި، ޙަމަލާގެ އަސްލު އަމާޒަކީ އަނަސް ލައިގެން ހުރި ވައްތަރުގެ ޓީޝާޓް ލައިގެން ހުރި އެހެން މީހެއް ކަމަށެވެ. ނަމަވެސް އެކަމާގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން