މާވެލްގެ ހިޔާލީ ކާޓޫން ކެރެކްޓަރއެއްްކަމަށްވާ ސްޕައިޑަރމޭންއަކީ ކާކުކަން ނޭނގޭނެ މީހެއް މަދުވާނެއެވެ. ގިނަ ބައެއްގެ މެދުގައި ސްޕައިޑަރމޭން އެންމެ ފުރަތަމަ މަޝްހޫރު ވެގެންދިޔައީ މާވެލްގެ ކޮމިކްތަކުން ނުވަތަ ވާހަކަ ފޮތްތަކުންނެވެ. އެއަށްފަހު ކަޓޫނެވެ. ދެން އެނިމޭޓަޑް ސީރީޒްތަކެވެ. އަދި މިހާރު ސްޕައިޑަމޭންގެ އެކި ފިލްމުތަކެވެ.

ނަމަވެސް މިފަހަރު ހަބަރަކަށް ވެގެން މިއުޅެނީ ސްޕައިޑަމޭންގެ އައު ފިލްމެއްގެ ވާހަކައެއް ނޫނެވެ. މިފަހަރު ހަބަރަކަށް ވެގެން މިއުޅެނީ 1984 ވަނަ އަހަރު މާވެލް ނެރުނު "ސީކްރެޓް ވޯސް" ނަމަކަށް ކިޔާ ކޮމިކް ފޮތެއްގައި ހިމެނޭ ސްޕައިޑަރމޭންގެ ކުރެހުން އިން ގަނޑެއް އެތައް މިލިއަން ޑޮލަރަށް ވިއްކާލި ވާހައެވެ.

އެމެރިކާގެ ޑަލާސްގައި ކުރިއަށްދިޔަ ނީލަމެއްގައި ސްޕައިޑަރމޭން ފެންނަ އެ ގަނޑުގެ ނީލަން ފަށާފައިވަނީ 330000 ޑޮލަރުންނެވެ. ނަމަވެސް ނީލަން ނިމުނުއިރު އޭގެ އަގު ވަނީ 3.36 މިލިއަން ޑޮލަރަށް އުފުލިފައެވެ. މިއާއެކު މިގަނޑު ވެފައިވަނީ އޮރިޖިނަލް ކޮމިކް ފޮތްތަކުގެ ގަނޑުތަކުގެ ތެރެއިން އެންމެ އަގުބޮޑު ގަނޑަށެވެ.

މީގެ 38 އަހަރު ކުރިން ނެރުނު ކާޓޫން ކޮމިކް ފޮތެއްގެ ގަނޑެއް 3.36 މިލިއަން ޑޮލަރަށް ގަތީ ކީއްވެބާއޭ ގިނަބަޔަކު ހިތަށް އަރާނެއެވެ. އެކަމުގެ ޖަވާބަކީ އެގަނޑުން ފެންނަނީ ސްޕައިޑަރމޭން އާއްމުކޮށް ހުންނަ ރަތްކުލައިގެ ސޫޓްގެ ބަދަލުގައި ކަޅު ކުލައިގެ ސޫޓެއްގައި ހުންނަ މަންޒަރެވެ. މިއީ ސްޕައިޑަރމޭން ކަޅު ސޫޓްގައި ފެންނަ ފުރަތަމަ ފަހަރެވެ.

ސްޕައިޑަރމޭންގެ ރަތް ސޫޓް ކަޅު ސޫޓަކަށް ބަދަލުވަނީ އޭލިއަން ޒާތުގެ ދިރޭ އެއްޗެއް އެ ސޫޓްގެ ތެރެއަށް ވަނުމުންކަަމަށް ކޮމިކްގައި ކިޔައިދޭ ގޮތުން އެނގެއެވެ. އެ ވާހަކަ ނިމޭއިރު ސްޕައިޑަރމޭންގެ ސޫޓުން އެ އެއްޗެއް ނުކުމެގެން އެހެން މީހެއްގެ ގަޔަށް ވަދެއެވެ. އެއީ "ވެނަމް"ގެ ގޮތުގައި މަޝްހޫރުވެގެން މިހާރު އުޅޭ މާވެލްގެ ވިލަން ކެރެކްޓަރއެކެވެ. އެހެންކަމުން އެ އަގުބޮޑުކޮށް ވިއްކާލި ގަނޑަކީ ބައެއް މީހުންނަށް އެތައް ގޮތަކުން ތާރީހީ ގަނޑެކެވެ.

އެހާ އަގުބޮޑުކޮށް އެ ގަނޑު ނީލަމުގައި ގަތީ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެނގޭހާވެސް އެއްޗަކީ އެމީހަކީ ސްޕައިޑަރމޭން އާއި މާވެލް ކޮމިކްތަކަށް ވަރަށް ލޯބިކުރާ މީހަކަށްވުން ގާތްކަމެވެ.

މީގެކުރިން އެންމެ އަގުބޮޑުކޮށް ވިއްކާލާފައިވަނީ 1974 ވަނަ އަހަރު ނެރުނު "ދަ އިންކްރެޑިބަލް ހަލްކް" ކޮމިކްގެ ގަނޑެކެވެ. އެ ގަނޑަކީ މިހާރު ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު މާވެލް ކެރެކްޓަރ "ވުލްވަރިން"ގެ ފުރަތަމަ ފެނިލުން ފެނިގެންދާ ގަނޑެވެ. އެގަނޑު ވިއްކާލާފައިވަނީ 657,250 ޑޮލަރަށެވެ.

މީގެއިތުރުން ގިނަ ބައެއްގެ ތެރޭގައި މަގްބޫލް ޑީސީ ސުޕަރ ހީރޯ ކެރެކްޓަރ ސުޕަރމޭންގެ ފުރަތަމަ ކޮމިކްގެ އަދަދެއް ވަނީ 3.18 މިލިއަން ޑޮލަރަށް މިދިޔަ ބުރާސްފަތިދުވަހު ވިއްކާލާފައެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއް ގަނެފައިވާ ފަރާތުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން