ނެޓްފްލިކްސުން އެންމެ ފަހުން ރިލީޒްކޮށްފައިވާ އިނގިރޭސި ފިލްމު "ދަ ރޯޔަލް ޓްރީޓްމެންޓް" އަށް މުޅި ދުނިޔޭގެ ސަމާލުކަންލިބި ނެޓްފްލިކްސްގެ ނަމްބަރ ވަންގެ ލަގަބު އެފިލްމަށް ލިބިއްޖެއެވެ.

ނެޓްފްލިކްސްގެ އެންމެ ގިނަބަޔަކު ބަލާ ފިލްމުތަކުގެ ތަރުތީބުން އެކުލަވާލައިފައިވާ މިލިސްޓުގެ އެއްވަނައިގައި ދަ ރޯޔަލް ޓްރީޓްމެންޓް ހިމެނިފައިވަނީ މިފިލްމު ރިލީޒްކުރިތާ ހަފްތާއެއް ނުވަނީހެވެ. މިއާއެކު މިއީ މިހާރު އެންމެ ގިނަބަޔަކު ނެޓްފްލިކްސް މެދުވެރިކޮށް ބަލަމުންދާ ފިލްމެއްގެ ގޮތުގައި ވަނީ ހިމެނިފައެވެ.

ދަ ރޯޔަލް ޓްރީޓްމެންޓް ފިލްމުގައި ދައްކުވައިދެނީ ޝާޙީ އާއިލާއަކަށް ނިސްބަތްވާ ފިރިހެނަކު އާންމު ރައްޔިތަކުދެކެ ލޯބިވެވި، ދެމީހުންގެ ދިރިއުޅުމަށްވެސް ކުރިމަތިވާ ގޮންޖެހުންތަކަކުން އަރައިގަނެ އެލޯބި ކާމިޔާބު ކުރާ މަންޒަރެވެ.

މިފިލްމުގައި ލީޑު ރޯލުން ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސެއްގެ ރޯލުން ފެނިގެންދަނީ، އަލާދީން ފިލްމުން ގިނަބައެއްގެ މަގުބޫލުކަން ލިބިގެންދިޔަ، މޭނާ މަސްއޫދެވެ. އޭނާ އާއެކު ދެން މިފިލްމުން ފެނިގެންދަނީ ހޮލީވުޑްގައި ކުރިއަރަމުންދާ ފިލްމީ ތަރި ލައުރާ މަރާނޯއެވެ.

މިފިލްމަކީ ކާމިޔާބު ޓީވީ ސީރީޒް 'ނައިޓްފޯލް' އަދި 'ސްޕާޓަކަސް' ވެސް ޑައިރެކްޓްކޮށްފައިވާ ރިކް ޖެކޮބްސަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން