ޝާ އަލޮމް މިއާ
ޝާ އަލޮމް މިއާ
އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ ޢުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް ޤަސްދުގައި މަރާލިކަން ޝާ އަލޮމް މިއާގެ މައްޗަށް ސާބިތުވެއްޖެއެވެ.

މަޙްމޫދު މަރާލާފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލާގައި ޝާ އަލޮމް މިއާ އެދިފައިވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ލުއިކޮށްދިނުމަށެވެ. ނަމަވެސް މަހްމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނީ ޝާ އަލޮމް މިއާއަށް އިއުތިރާފުގެ އެއްބަސްވުމެއް ނުދިނުމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝާ އަލޮމްގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނާއި ޙަވާލާދީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، ޤާނޫނުލްޢުޤޫބާތާއި ޙަވާލާދީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

މިއަދުގެ ޝަރީޢަތުގައި ޝާ އަލޮމް ބުނެފައި ވަނީ ދަޢުލަތުން އުފުލާފައިވާ ހުރިހާ ދަޢުވާއަކަށް ކުރިއެކޭވެސް އެއްގޮތަށް އިޢުތިރާފްވާ ކަމަށެވެ. އަދި މިއީ ޝައިޠާނާ ބޮލަށް އެރިގެން ކުރެވުނު އަމަލެއް ކަމަށްވެސް ޝާ އަލޮމް ވަނީ މިއަދު ކޯޓުގައި ބުނެފައެވެ.

ޝާ އަލޮމް މަރާލީ މަހުމޫދުކަން އިތުރަށް ކަށަވަރުކުރުމަށް މަހުމޫދުގެ ފޮޓޯއެއްވެސް މިއަދު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވެއެވެ. ފޮޓޯ ދެއްކުމުން ޝާ އަލޮމް ވަނީ އެއީ އޭނާ މަރާލި މަހުމޫދުކަމަށް ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ މައްސަލާގައި ހެކި ހުށައަޅައިގެން ކުރިއަށް ދިޔުމަށްކަމަށް ބޭނުންވާކަމަށެވެ. ސަބަބަކީ ހުރިހާ ވާރިސުން މަރަށް މަރު ހިފަން އެދޭނަމަ އެ އަދަބު ތަންފީޒު ކުރަން ޖެހޭނެތީ ކަމަށާއި، އެކަމަށްއެދި މަތީ މަރުޙަލާގެ ކޯޓުތަކަށް ހުށައަޅާ ޙާލަތުގައި ދައުވާ ލިބޭ މީހާ އިއުތިރާފުން ރުޖޫއަވެއްޖެނަމަ އޮންނާނެ ހަަމައެކަނި ހެއްކަކީ ޝަރީއަތުގައި ވީ އިއުތިރާފް ކަމަށް ދައުލަތުން މިއަދު ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް މިއަދު ވިދާޅުވީ މިމައްސަލަ ދެން ކުރިއަށްދާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި މީހަކު ޝަރީއަތުގެ މަޖިލީހުގައި މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައިވާ އިއުތިރާފަށްވުރެ ވަކި ބޮޑު ހެއްކެއް ނޯންނާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އަވަސްނިޔާގެ މައްސަލާގައި ގޮތް ނިންމަވަމުން ގާޒީ ވިދާޅުވީ ޝާ އަލޮމް މިއާގެ އިއުތިރާފް ދަމަހައްޓާފައިވާތީ އެއީ ސައްޙަ އިއުތިރާފެއް ކަމަށް ކަނޑަައަޅާކަމަށެވެ. އެހެންކަމުން ޝާ އަލޮމް މިއާގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން މިއަދުވަނީ މަޙްމޫދުގެ ވާރިސުން ސާބިތުކުރުމުގެ ބައިވެސް ކުރިއަށް ގެންދަވާފައެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލަށްވަމުން އިސްގާޒީ ޝަކީލް ވިދާޅުވީ މަހްމޫދުގެ ވާރިސުންގެ ގޮތުގައި ތިބި ބައެއް ފަރާތްތައް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ އަޑުއެހުމެއް ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކޮށް ވާރިސުންގެ ބަސް ނަގާނެކަމަށް އިސް ގާޒީ ޝަކީލް މިއަދު ވިދާޅުވިއެވެ.

ފުލުހުން ޝާ އަލޮމް ހައްޔަރުކޮށްފައިވަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެއިންނެވެ. އޭނާއަކީ އެގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ މަޙުމޫދު މަރާލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ. އޭގެއިތުރުން މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް ޝާ އަލޮމް މިއާ އެކަނި ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މަހުމޫދުގެ ބޮލަށް ބޮޑު ތިން އަނިޔާއެއް ދީފައި ހުރިކަން ފާހަގަވާ ކަމަށެވެ. އަދި ހަށިގަނޑު އެކި ތަންތަނުން 30 އަށްވުރެ ގިނަ ޒަހަމްތައް ފާހަގަ ކުރެވޭ ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ހަމަލާ ދީފައި ހުރި ކަމަށެވެ. ފުލުހުން ބުނީ ހަމަލާ ދިނުމަށް ފަހު މަރުނުވާހެން ހީވި ކޮންމެ ފަހަރަކު އަނެއްކާވެސް ހަމަލާ ދީފައި ހުރި ކަމަށެވެ.

މަޙްމޫދުގެ މަރާ ގުޅިގެން ފުލުހުން ވަނީ ބިދޭސީ މީހާ އުޅެމުންދިޔަ ގެ ބަލާ ފާސްކޮށް ގިނަ ހެކިތަކެއް ހޯދާފައެވެ. އެގޮތުން މަޙްމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލާގައި އިތުރު މީހަކު ބައިވެރިވެފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން