ސައިކަލު ޓަޔަރެއްގައި ތާށިވެފައި އޮންނަތާ 5 އަހަރުވެފައިވާ ކިނބުލެއް ސަލާމަތްކޮށްފިއެވެ.

މި ކިނބުލަކީ އިންޑޮނޭޝިޔާގެ ޖަޒީރާ ރަށެއް ކަމަށްވާ ސުލަވެސީ އައިލެންޑްގެ ޕަލޫ ސިޓީގެ ޕަލޫ ކޯރުން ފެންނަ ކިނބުލެކެވެ. މި ކިނބުލުގެ ގައިގައި ޓަޔަރެއް ތާށިވެފައި އޮތްކަން އެ ސިޓީގެ އާއްމުންނަށް ފުރަތަމަ ފާހަގަވީ 2016 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ޖަނަވާރުންގެ ހިމާޔަތުގައި އުޅޭ އެކިއެކި ފަރާތްތަކުން ވަނީ ޓަޔަރުގެ ކިބައިން ކިނބޫ ސަލާމަތްކުރެވޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް އެއްވެސް ބަޔަކަށް އެ ސޮރު ހިފޭ ގޮތެއް ނުވެއެވެ.



އެންމެފަހުން އެ ކިނބޫ ހިފީ އެ ސަރަހައްދުގައި ދޫނި ވިއްކުމުގެ ވިޔަފާރީގައި އުޅޭ އުމުރުން 34 އަހަރުގެ ޓިލީ ކިޔާ އާއްމު މީހެކެވެ. އޭނާ ބުނީ ވަރަށް ގިނައިން ކޯރުގެ ހިކިފަސް ހިސާބުގައި ކިނބޫ އޮންނަތަން ފެންނަކަމަށެވެ.

ޓިލީ ބުނީ އެމަސައްކަތަށް 3 ހަފްތާއެއްހާ ދުވަސް ހޭދަވިއިރު، ކިނބޫ ހިފަން އެމުގެ ގޮތުގައި ބޭނުންކުރީ ކުކުޅުކަމަށެވެ. އަދި ކިނބޫ އެއްގަމަށް އަރުވާ، އެ ސޮރުގެ ކަރަށް މެހިފައި އޮތް ޓަޔަރު ނައްޓާލީ އާއްމުންގެ ގިނަ ބައެއްގެ އެހީތެރިކަމާއެކުކަމަށް ޓިލީ ބުންޏެވެ.

"އަހަރެން ބޭނުންވީ އެހީވާން. އެ ސޮރު އެހާލުގައި އުޅޭ ތަން ބަލަން ވަރަށް އުނދަގޫވޭ. އެއްވެސް ޖަނަވާރެއް އެފަދަ ކަމެއްް ތަހައްމަލުކުރާ ތަން ބަލާކަށް ބޭނުމެއް ނޫން." ޓިލީ ބުންޏެވެ.



ޓިލީ ބުނީ ކިނބޫ ހިފަން ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވީ އެކަމަށް ބޭނުންކުރި ވާގަނޑު ވަރުގަދަ ނުވުމުންކަމަށެވެ. ނަމަވެސް ފަހުން އެއަށްވުރެ ވަރުގަދަ ނައިލޯން ވާގަނޑަކުން މަސައްކަތް ކާމިޔާބުވިކަމަށް އޭނާ ބުންޏެވެ.

ކިނބޫގެ ކަރަށް މެހިފައި އޮތް ޓަޔަރު ނައްޓާލުމަށްފަހު ވަގުތުން އެސޮރު ވަނީ އެސޮރުގެ މާހައުލަށް އަލުން ދޫކޮށްލާފައެވެ.

ޖަނަވާރުންގެ ހިމާޔަތުގައި އުޅޭ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ކިނބުލުގެ ކަރުގައި ޓަޔަރު ތާށިވެފައި އޮތީ ބަޔަކު ގަސްދުގައި ކުރިކަމަކުންނެވެ.

މީގެކުރިންވެސް ކިނބޫ ސަލާމާތްކުރަން މަސައްކަތްކުރި ނަމަވެސް، 30 ވަރަކަށް ކިނބޫ އުޅޭ އެކޯރުގައި އެމަސައްކަތްކުރުން އޮތީ ދަތިކަމަކަށްވެފައެވެ.

2020 ވަނަ އަހަރު އެ ރަށުގެ ލޯކަލް ކައުންސިލުން ވަނީ ކިނބޫ ސަލާމަތްކުރާ ފަރާތަކަށް އިނާމެއް ދިނުމަށްވެސް ކަނޑައަޅާފައެވެ. ނަމަވެސް އިނާމު ހޯދުމުގެ ނިޔަތުގައި ކުރާ ކަމަކުން ކިނބުލަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެކަމަށް ކަނޑައެޅި އިނާމް އަނބުރާ ގެންދިޔައީއެވެ.



މިކަމަށް އިނާމު ނުދޭން ކުރިން ނިންމިޔަސް، ކިނބޫ ސަލާމަތްކުރި ޓިލީއަށް އިނާމެއް ހައްގުކަމަށް އެ ސިޓީގެ ލޯކަލް ކޮންޒަވޭޝަން އެޖެންސީން ބުނެއެވެ. އަދި ޓިލީ ކުރި ބުރަ މަސައްކަތަށް އޭނާއަށް ރަނގަޅު އިނާމެއް ދޭނެކަމަށްވެސް އެ އެޖެންސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން