ޒަހީނުއްދީން ސަޢީދު   10 ފެބްރުއަރީ 2022 - 4:49
މަޝްހޫރު ދިވެހި ފިލްމީ ތަރި ރަވީ ފާރޫގާއި އައިޝަތު ރިޝްމީގެ ކައިވެނި ރޫޅާލައިފިއެވެ.

ކައިވެނި ރޫޅާލާފައިވާކަން ރިޝްމީ ހާމަކުރީ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި ކުރި ޕޯސްޓެއްގައެވެ. ރިޝްމީ މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެމީހުން ކައިވެނި ކުރީ އެކުގައި މުޅި އުމުރު ހޭދަ ކުރުމުގެ ފޮނި އުންމީދާއެކު ކަމަށެވެ. އަދި އެހެން ގުޅުންތަކެކޭ އެއްފަދައިން އެމީހުންގެ ދިރިއުޅުމުގައި ވެސް އަޑިގަނޑާއި އުސްގަނޑު ވެސް އައި ކަމަށާއި ފުރާނައަށް ނުރައްކާވާފަދަ ދެ ހާދިސާއާ ވެސް ދެމަފިރިން އެކުގައި ކުރިމަތިލި ކަމުގައި ރިޝްމީ ބުނެފައިވެއެވެ.

ނަމަވެސް މި ފާއިތުވީ ދެ އަހަރު ވަރަށް ގިނަ ކަންތައްތަކަކާ އެ ދެމީހުން ވެސް ކުރިމަތިލާން ޖެހުނު ކަމަށާއި، ކޮވިޑްގެ މި ހާލަތުގައި ވެސް އެކަކު އަނެކަކަށް މުހިންމުވާ ކަންތައްތައް ވެސް ބަދަލު ވެފައިވާކަން ރިޝްމީ ބުނެފައިވެއެވެ. އެހެންކަމުން އެ ދެމީހުން ވެސް ނިންމީ، ސުލްހަވެރިކަމާއެކު އެކަކު އަނެކަކާ ދުރުވުމަށާއި، ކައިވެނި ރޫޅާލަން ކަމަށް ވެސް ރިޝްމީ ބުންޏެވެ.

ނަމަވެސް ދެމީހުން ކައިވެނި ރޫޅާލި ސީދާ ސަބަބެއް ރިޝްމީ ހާމައެއް ނުކުރެ އެވެ.

ރިޝްމީ އިތުރަށް ބުނެފައިވަނީ ކައިވެނި ރޫޅުނު ކަމުގައި ވިޔަސް އަބަދުވެސް ދެ އެކުވެރިންގެ ގޮތުގައާއި އެކުގައި މަސައްކަތްކުރާ ދެމީހުން ކަމުގައި އޭނާ ދެމިހުންނާނެ ކަމަށެވެ. އެމީހުންގެ ދިރިއުޅުމަށް މި އައި އައު ބަދަލަށް އާދަވާން އެމީހުންނަށް އެކަނި ވަގުތު ކޮޅެއް ދިނުމަށާއި އެމީހުންނަށް ހިތްވަރު ދިނުމަށް ރިޝްމީ ވަނީ އެދިފައެވެ.

ފިލްމީ ދާއިރާގައި މިވަގުތު ތިބި އެންމެ ކުޅަދާނަ އެކްޓަރުންނާއި ޑައިރެކްޓަރުންގެ ލިސްޓުގައި ވެސް ހިމެނޭ ރިޝްމީއާއި ރަވީ ކައިވެނި ކުރީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން