ސެމްސަންގެ ގެލެކްސީ އެސް ސީރީޒްގެ އާ ފޯނު އާންމުންނަށް ދައްކާލައިފައިވާއިރު، މިފަހަރުގެ ފޯނުތައް ބާޒަރަށް ނެރެނީ އަގަށް މާބޮޑު ބަދަލެއް ނުގެނަސްކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ފެބްރުއަރީ 25 ވަނަ ދުވަހު ބާޒާރަށް ނެރޭ ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ އާ ފޯނުތައް އާންމުންނަށް ދައްކާލައިފައިވަނީ ހުސްވިހަފްތާގައެވެ. އެގޮތުން ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ތިން ވަރޝަނެއް ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ހުސްވިއަހަރަކީ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ގޮސް ފޯނު ހެދުމަށް ބޭނުންވާ އާލާތްތަކުގެ އަގުތައް މައްޗަށް ދިޔަ އަހަރެއްނަމަވެސް މިމަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ އާ ފޯނުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ހުސްވި އަހަރު ބާޒާރަށް ނެރުނު ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ފޯނުތަކުގެ އަގުތަކަށްވުރެ ބޮޑުނޫން އަގެއްގައެވެ.

އެގޮތުން ސެމްސަންގް ގެލެކްސީ އެސް 22، އެސް 22 ޕްލަސް އަދި އެސް 22 އަލްޓްރާގެ އަގުތައް އުޅެނީ 800 ޑޮލަރާއި 1200 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައެވެ.

ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއަށް ހާއްސަކުރާ ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ މިއަހަރުގެ ފޯނުތަކުގެ ކެމެރާތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ސެމްސަންގް ގެލެކްސީ އެސް 22 އަދި އެސް 22 ޕްލަސްގައި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއަކާއި، 50 މެގަޕިކްސެލްގެ މެއިން ލެންސަކާއި، 10 މެގަޕިކްސެލްގެ ޓެލެފޮޓޯ ސެންސަރަކާއިއެކު ޖުމްލަ ތިން ލެންސް ކެމެރާ ސިސްޓަމެއް ހިމެނެއެވެ. އަދި ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާގައި 108 މެގަ ޕިކްސެލްގެ މެއިންކެމެރާއަކާއި، 10 މެގަޕިކްސެލްގެ ދެ ޓެލެފޮޓޯ ސެންސަރަކާއިއެކު ޖުމްލަ ތިން ލެންސް ކެމެރާ ސިސްޓަމެއް ހިމެނެއެވެ.

ޑިސްޕްލޭ ސްކްރީން ސައިޒުގެ ގޮތުން ބަލާނަމަ، 6.1 އިންޗިީގެ ޑިސްޕްލޭ ސްކްރީނަކާއެކު އެސް 22 އަކީ އެންމެ ކުޑަ ފޯނެވެ. ނަމަވެސް އެސް 22 ޕްލަސްގެ ޑިސްޕްލޭ ސްކްރީނަކީ 6.6 އިންޗީގެ ޑިސްޕްލޭ ސްކްރީނެކެވެ. އަދި 6.8 އިންޗީގެ ޑިސްޕްލޭ ސްކްރީކަނާއެކު މިސީރީޒް އެންމެ ބޮޑު ފޯނެއްގެ ގޮތުގައި ހިމެނެނީ އެސް 22 އަލްޓްރާއެވެ.

އެސް 22 އަދި އެސް 22 ޕްލަސް ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ ހުދު، ފިޔާތޮށި، ކަޅު އަދި ފެހި ކުލައިންނެވެ. އެސް 22 އަލްޓްރާ ބާޒާރަށް ނެރޭއިރު ހުދާއި، ފިޔާތޮށި، ކަޅާއި، ފެހި އަދި ދަނބުކުލައިން ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން