ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން
ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން
އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މޭރީގެ މަރުގެ މައްސަލާގައި ޙަލީމަތު ލަމްހާގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލާގައި ހިމެނޭ ދެމީހުންގެ ޝަރީޢަތް ވަކިވަކިން ކުރިއަށް ގެންގޮސްފައިވާއިރު ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ އަޑުއެހުމުގައި ދިފާއީ ވަކީލު ވިދާޅުވީ، ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ފަދަ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އޭގެއިތުރުން ދައުލަތުން ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ނުކުރެވޭނެ ކަމަށް ދިފާޢީ ވަކީލުން ވިދާޅުވި އެވެ.

ލަމްހާގެ ސިއްޙީ ޙާލަތުހުރިގޮތުން ޝަރީޢަތަށް ކޮންމެހެން ޙިއްސާކުރަންޖެހޭ "ހައްސާސީ" މަޢުލޫމާތުތަކެއް ހުރުމުން އެކަމަށްޓަކައި ޝަރީޢަތް ސިއްރުކޮށްދިނުމަށް ދިފާޢީ ވަކީލުން ވަނީ އެދިފައެވެ. އަދި ހާމަ މަޖިލީހެއްގައި އެ މަޢުލޫމާތު ޙިއްސާކުރުމަށް އިންކާރުކޮށް ދިފާޢީ ވަކީލުން ވިދާޅުވީ އެ މަޢުލޫމާތު ތަކަކީ ޢާންމުވެއްޖެނަމަ ލަމްހާގެ ކަރާމާތަށް އުނިކަން ލިބިދާނެ މަޢުލޫމާތުތަކެއް ކަމަށެވެ. ނަމަވެސް ދަޢުލަތުން ވަނީ ޝަރީޢަތް ސިއްރު ކުރުމަށް އިންކާރުކޮށްފައެވެ.

ދަޢުލަތުން ބުނެފައިވަނީ، މޭރީގެ ލޭގެ ޓޮކްސިކޮލިޖީ ރިޕޯޓާއި އެހެނިހެން ރިޕޯޓްތައްވެސް ވަރަށް އަވަހަށް ކޯޓަށް ހުށައަޅުއްވާނެކަމަށެވެ. މޭރީގެ ލޭގައި ކެމިކަލްގެ ބާވަތެއް ކަމަށްވާ ސަކްސިނައިލްކޮލިން ހުރިކަމަށް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ އަނގަބަހުން އަންގާފައިވާކަމަށް ދަޢުލަތުން ބުންޏެވެ. އޭގެ އިތުރުން ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނޭ ކަމަށް ދަޢުލަތުން މިއަދުވަނީ ބުނެފައެވެ. އަދި މޭރީގެ ހަށިގަނޑުންވެސް އިންޖެކްޝަން ޖަހާފައިވާ ކަމުގެ ނިޝާން ފެންނަން ހުތިކަމަށް ދައުލަތުން ބުނެފައިވެއެވެ.

އެހެންކަމުން މައްސަލަބައްލަވާ ޤާޟީ ހުސައިން ފާއިޒު ރަޝާދު ނިންމަވާފައި ވަނީ ލަމްހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށާއި އޭނާގެ ސިއްޙަތާއި ގުޅުންހުރި މަޢުލޫމާތުތައް ލިޔުމުން ހުށައެޅުމަށެވެ. ހަމައެއާއެކު ދަޢުލަތުން ހުށައަޅަންޖެހޭ ރިޕޯޓުތައްވެސް ހަފްތާއެއްގެ ތެރޭގައި ހުށައެޅުމަށް ޤާޟީ އެންގެވިއެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ދެން އޮންނާނީ މާރޗު މަހުގެ 15 ވަނަ ދުވަހުއެވެ.

މޭރީގެ މަރުގެ މައްސަލައިގައި 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަލީމަތު ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދަޢުވާ އެވެ.

މީގެ ތެރެއިން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީ އެވެ.

ލަމްހާއަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކުރަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.

ލަމްހާއަށް ކުރާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން