އެޗްޑީސީގެ ސްމާޓް ޕޯލް މެދުވެރިކޮށް ކަރަންޓު ބޭނުންކުރާ މިންވަރު 90 އިންސައްތަ ދަށްކުރެވޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މިއަދު ވަނީ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކުރުމަށް ހާއްސަ ހަފްލާއެއް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާފައެވެ. މި ހަފްލާގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރ، އައިޝަތު ނަހުލާ އެވެ.



އެޗްޑީސީންބުނީ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަޤުސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ކަމަށެވެ. އަދި މި ވަސީލަތްތައް ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ މިންވަރު ބެލުމަށްފަހު ހުޅުމާލެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމްކުރެވުނު ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ސްމާޓް ސިޓީއަށް އިތުރު ފުރިހަމަ ކަމާއި ރީތިކަން ގެނެސްދޭފަދަ ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ އޮމްނިފްލޯގެ އުފެއްދުމެކެވެ.

"އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން މިއަދު ތައާރަފުކުރެވުނު ސްމާޓް ޕޯލް އަކީ އިރުގެ އަލި އަދި ވައިގެ ޒަރީއާއިން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދިއްލޭ ޕޯލްއެކެވެ. ސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 އިންސައްތަ ކުޑަ ކުރެވިގެން ދާނެއެވެ." އެޗްޑީސީން ބުނެފައިވެއެވެ.

ސްމާޓް ޕޯލް މެދުވެރިކޮށް އެހެނިހެން ތަފާތު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށާއި އޭގެތެރޭގައި، ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސަރ އަދި މުހިއްމު އާންމު މައުލޫމާތާއި، ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދެވުމުގެ އިތުރުން ޑިޖިޓަލް އިސްތިހާރުތައް ދެއްކުން ވެސް ހިމެނޭ ކަަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މީގެއިތުރުން، ކަރަންޓުގެ ހިދުމަތް ކެޑިގެންދާ ވަގުތުގައިވެސް މި ޕޯލްތަކުގައި ހިމެނިފައިވާ ބެޓެރީ ސްޓޯރޭޖުން ބޮކި ދިއްލުމާއި ކެމެރާ ފަދަ ޚިދުމަތް ލިބިގެންދާނެއެވެ.

ސްމާޓް ބެންޗަކީވެސް ސްމާޓް ސިޓީ ތަސައްވަރުގެ ދަށުން ތައާރަފްކުރެވިފައިވާ އޭގެ ޒަރީއާއިން ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ އެއްޗެކެވެ. މިގޮތުން އާކިޓެކްޗުރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއަރ ފަދަ ތަކެތީގެ ޗާރޖިންގ ސްޓޭޝަންސް މީގެތެރޭގައި ހިމެނެއެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވިދާޅުވީ، އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމުލަ ގޮތެއްގައި މުޅި ސިޓީގެ ކާބަން އެމިޝަން ކުޑަކުރެވުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ދިގު މުއްދަތުގައި ހުޅުމާލެ ފަދަ އާބާދީ ބޮޑު އަރބަން ސިޓީތަކުގެ ތިމާވެއްޓަށް ގިނަގުނަ ހެޔޮ ބަދަލުތައް އަންނާނެ ކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.

އޮމްނިލެޑް ސްމާޓް ޕޯލްސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވި، ކަރަންޓު ބޭނުން ކުރެވޭ މިންވަރު ފުދޭވަރަކަށް ދައްކުރެވޭކަން ކަށަވަރުކުރެވިފައެވެ. ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ސްމާޓް ސިޓީތައް ތަރައްޤީ ކުރުމުގެ މުހިއްމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެކެވެ.

ތިމާވެށީގެ ރައްކާތެރިކަމަށް ބަލައިގެން ޓެކްނޮލޮޖީގެ ޒަރީއާއިން ގެނެވޭ ސްމާޓް ސިޓީ ސޮލިއުޝަން ތަކަކީ އިޤުތިސާދީ، އިޖުތިމާއީ، ސަސްޓެއިނަބަލް އަދި ކާމިޔާބު ހައްލުތަކަށް ވެގެން ދާނެ މުހިއްމު މަސައްކަތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން