ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އާލްސުއޫދުގެ އެހީގައި އަޅުއްވާފައިވާ ސަލްމާން މިސްކިތުގެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ކުރެވޭނެ އިންތިޒާމް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް އިދިކޮޅު ޕީޕީއެމްއިން ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ވެރިކަމުގައި އިމާރާތްކުރި ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަންފެށުމުގެ ގޮތުން މިއަދުގެ ހުކުރު ނަމާދު އެ މިސްކިތުގައި ވަނީ ކޮށްފައެވެ. ކިންގް ސަލްމާން މިސްކިތުގައި ކުރި ހުކުރު ނަމާދުގައި އެތަށް ސަތޭކަ މީހުން ވަނީ ބައިވެރިވެފައެވެ.

އެ މިސްކިތުގެ ފޮޓޯތަކެއް ހާމަކޮށް ޕީޕީއެމުން ބުނީ ރައީސް ޔާމީންގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން ބިނާކުރެވުނު، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ކިންގް ސަލްމާން މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުޅުވާލުމާ ގުޅިގެން މާތްﷲއަށް ޙަމްދުކުރާކަމަށާއި ދިވެހި ރައްޔިތުންނަށް މަރުޙަބާ ކިޔާކަމަށެވެ.



ސަލްމާން މިސްކިތް ހުޅުވުމަކީ ދިވެހި އެތައް ރައްޔިތުންނެއް ކުރަމުންއައި އުއްމީދެއްކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް ބިނާ ކުރެވުނު އެންމެ ބޮޑު އަދި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުނު މިސްކިތްކަމަށް ޕީޕިއެމުން ވަނީ ބުނެފައެވެ. ޕީޕީއެމުން ބުނީ މި މިސްކިތް ރައީސް ޔާމީން ނިންމަވާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ދާއިމީ ގޮތެއްގައި ހިންގާނެ ބިނާއެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން 9000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މި މިސްކިތުގައި ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމްވެފައި ހުންނާނެކަން ޕީޕިއެމުން ބުނެއެެވެ. ޕީޕީއެމުން ބުނީ މި މިސްކިތުގައި މަލްޓި ޕަރޕަސް ހޯލަކާއި، ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި، ސެމިނަރ ރޫމްތަކާއި ކްލާސް ރޫމްތައް ޤާއިމްކުރެވިފައިވާނެ ކަމަށެވެ.

މި ބިނާގައި ކީރިތި ޤުރުއާން އުނގަންނައި ދިނުމަށާއި އިސްލާމީ ޢިލްމު ފެތުރުމަށް މިތަނުގެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ކުރެވޭނެ އިންތިޒާމް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ސަރުކާރަށް އެޕާޓީން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން