27 އަހަރަށްފަހު މަޝްހޫރު ރޮކް ބޭންޑް ޕިންކް ފްލޮއިޑްއިން ލަވައެއް ރިލީޒްކޮށްފިއެވެ.

މިއަދު ރިލީޒްކޮށްފައިވާ "ހޭ ހޭ ރައިޒް އަޕް" މިލަވަޔަކީ ޔުކްރެއިނަށް ސަޕޯޓުކުރުމުގެ ގޮތުން ރިލީޒްކުރި ލަވައެއްކަމަށް ޕިންކް ފްލޮއިޑުން ހާމަކޮށްފައިވެއެވެ. އެގޮތުން މިލަވައިން ލިބޭ ހުރިހާ ފައިސާ، ޔުކްރެއިނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަދިޔާކުރުމަށް ޕިންކް ފްލޮއިޑުން ވަނީ ނިންމާފައެވެ.

މިލަވައިގެ ގިޓަރިސްޓެއްގެ ގޮތުގައި ޑޭވިޑް ގިލްމޯ ފެނިގެންދާއިރު، ޑްރަމް ކުޅެނީ ނިކް މޭސަންއެވެ. އަދި ބޭސްޕްލޭޔާރ އެއްގެ ގޮތުގައި ގާއީ ޕްރެޓްގެ އިތުރުން މިލަވައިގެ ކީބޯޑް ކުޅެފައިވަނީ ނިތިންއެވެ.

ޔުކްރެއިނަށް ހާއްސަ މިލަވައިގައި އިވިގެންދަނީ ޔުކްރެއިނުގެ މަޝްހޫރު ބޭންޑް ބޫމްބޮކްސްގެ ލަވަކިޔުންތެރިއެއްކަމަށްވާ އެންޑްރީ ކްލިވްނިޔެކްގެ އަޑެވެ. ޕިންކް ފްލޮއިޑުން ހާމަކޮށްފައިވާ ގޮތުން، ލަވައިގައި އެންޑްރީގެ އަޑުން އިވިގެންދަނީ އޭނާ އިންސްޓަގްރާމްގައި ކިޔާފައިވާ ޔުކްރެއިނުގެ ލަވައެކެވެ.

އެންޑްރީގެ ކިޔާފައިވާ ލަވަޔަކީ ޔުކްރެއިނުގައި އިހުތިޖާޖު ކުރުންތަކުގައި އާންމު ލަވައެކެވެ. މިލަވަޔަކީ ފުރަތަމަ ބޮޑު ހަނގުރާމައިގައި ލިޔުނު ލަވައެއްކަމަށްވެއެވެ. މިލަވައިގެ ކަޑިއެއް އެންޑްރީގެ އިންސްޓްގްރާމްގައި ހިއްސާކޮށްފައިވަނީ އޭނާގެ ބޭންޑުގެ ޓުއަރ ނިންމާލުމަށްފަހު އަމިއްލަ ގައުމު ރަޝިޔާގެ ހަމަލާތަކުން ދިފާއުކުރުމަށް ސިފައިންނާ އެއްސަފަށް ނުކުމެ، ޔުކްރެއިނުގެ ވެރިރަށް ކިއެވްގައި ހުރެއެވެ.



ޕިންކް ފްލޮއިޑުން މިއަދު ރިލީޒްކޮށްފައިވާ "ހޭ ހޭ ރައިޒް އަޕް" މިލަވައިގައި ޔުކްރެއިނުގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އަޑުގެ އިިތުރުން ޔުކްރެއިނުގެ ގައުމީ މާކަމަށްވާ ސަން ފްލާވާގެ ކުރެހުމެއްވެސް ހިމަނާފައިވެއެވެ. އަދި މިލަވައިގެ ވީޑިއޯއިން ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ ސަބަަބުން ޔުކްރެއިނަށް ލިބިފައިވާ ބައެއް ގެއްލުންތައްވެސް ފެނިގެންދެއެވެ.

1965 ވަނަ އަހަރު ވުޖޫދަށް އައި މަޝްހޫރު އިނގިރޭސި ރޮކް ބޭންޑް، ޕިންކް ފްލޮއިން އެންމެ ފަހުން ލަވައެއް ރިލީޒްކޮށްފައިވަނީ 1994 ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. ނަމަވެސް މިބޭންޑުގެ ލަވަތަކަކީ އަދިވެސް ގިނަބައެއްގެ މެދުގައި މަގުބޫލު ލަވަތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން