(ދެވަނަ ބައި)

ކުޑަކުޑަ ޒަހާ އެސުވާލު އެތައް ފަހަރަކު ތަކުރާރު ކުރަމުން ގެންދިޔަ އެވެ. އެއަޑަށް އުދޯލީގައި ނިދިޖެހިފައި އޮތް ވަދީފާ ތެދުވެއްޖެއެވެ. އޭނާ ތެދުވިގޮތަށް ޒަހާއާއިދިމާއަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް ދެކުދިން ބިރުން އެބުރި އުދޯލިގެއާއި ދިމާއަށް ހިނގައިގަތެވެ.

ވަދީފާގެ ރުޅިވެރި މޫނު ފެނިފައި ހަލީމާވެސް ބިރުގަންނަ ގޮތްވިއެވެ. ހާސްވެ މޭތެޅޭގޮތްވިއެވެ. އޭނާ އެންމެ ޖެހިލުންވީ އޭނާ މިއަދު އެދެންއައި ކަންތައްތަކަށް ވަދީފާ ދޭނެ ޖަވާބެއްނޭގޭތީ އެވެ. ނަޖުދާގެ މައްސަލައިގާ އޭނާ ނިންމާނެ ގޮތެއް ނޭގޭތީއެވެ.

ނަޖުދާ ގެންނަ ވާހަކަ ކުރިން ވަދީފާ ގާތުގައި އޭނާ ނުބުނީ ހަމަގަސްތުގައެވެ. ކުރިން ބުނެފި ނަމަ ބަހަނާތަކެއް ދައްކާނެކަން ޔަގީންވާތީއެވެ.

ކުޑަކުޑަ ނަޖުދާހުރީ މިމަންޒަރުތައް ވަރަށް ރަގަޅަށް ބަލާށެވެ. ވަދީފާގެ ހަޅޭކުގެ އަޑަށް ނަޖުދާވެސް މަޑުމަޑުން ހަލީމާގެ ގާތަށްޖެހިލިއެވެ. އަދި ލިބާހުގެ ފަސްބައިގައި ހިފާ އަތަށް ބޮނޑިކޮށްލިއެވެ. ހަގީގަތުގައި ވަދީފާގެ އަޑަށް ނަޖުދާވެސް ބިރުގަތީއެވެ. ޖެހިލުން ވީއެވެ.

ހާސްވެފައި ހުރި ވަރުން ލިބިފައިވާ ވަރުބަލިކަން ވެސް މިހާރުހަލީމާއަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. ނަމަވެސް އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އުނދޯލީގައި އިން ވަދީފާއަށް އޭނާގެ މަންމައަށް ވެފައި ހުރިވަރު ހަމަ ރަގަޅަށް ފެންނާނެއެވެ. ހަލީމާގެ ތުރުއަޅާހުރި ދެފަޔާއި ތުންފަތާއި ދާހިތްލާފައިވާ މޫނުންވެސް އެކަން ހަމަރަގަޅަށް ތަސައްވުރު ކުރެވޭނެއެވެ.

ނަމަވެސް ވަދީފާގެ ކުރިމަތީގައި މިހާރު އެހެރީ އޭނާ ބަނޑުއަޅާ ވިހެއި މައިމީހާކަންވެސް ހަނދާންނެތީ ކަހަލައެވެ. ނޫންނަމަ އޭނާއަށް ފެންނަމުން އެދާ މަންޒަރު ތަކުން އެހެން ކަމަކާ ވިސްނާ ފިކުރު ހިންގާލުމުގެބާރު ނުލިބުނީވެސް ކަންނޭގެއެވެ.

"ކިހިނެއްވީ؟..." އެތައްއިރަކު ކަޅިއަޅައިގެން އިނދެފައި ވަދީފާ ސުވާލުކޮށްލިއެވެ.

އޭނާގެ އަޑުގައި ވެސް ވަނީ އޭނާގެ މޫނުމަތިން އެފެންނަ ފަދަ ހަރުކަށި ކަމެވެ. ރުޅިވެރިކަމާއި ނުރުހުމެވެ.

މިކުއްޖާގެ ކިބައިން މިހާރު ވިއްޔާ ވާނީ ފަސޭހައެއް.. އުދަގުލެއް ނުވާނެ.... ހުރިހާ ކަމެއްގައި ވެސް އަތްގާތް ކޮށްލަދީ ހަދާނެ... މީނާ މިގެނައީ ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ނަމަވެސް މިގޭގައި ބަހައްޓާލަދޭތޯ..

މިހާހިސާބަށް ބުނުމާއެކު ހަލީމާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެންފަށައިފި އެވެ. އޭނާގެ އަޑު ތުރުތުރު އަޅަމުން ގޮސް ވާހަކަ ދައްކަން އުދަގޫވާހިސާބަށް ދިއުމުން ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލި އެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެން ފެށިއެވެ.

ވަދީފާގެ ބަހެއްގެ އިންތިޒާރުގައި ކުޑަހިނދުކޮޅަކު ހަނުހިމޭނުން ހުރުމަށް ފަހު ވަދީފާ އެއްޗެކޭ ނުބުނުމުން ހަލީމާ އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.

"މަންމު ގައިގާ އެއްވެސް ހިތްވަރެއް ހުރިނަމަ މިކަމަށް އެދޭކަށް ނައިސް... މަންމަ މިއަދު މިހިރީ މުސްކުޅިވެ ލޯބޯކޮށިވެ އެކަނި އުޅެވޭ ވަރަށް ވުރެ ހާލު ދެރަވެފައި ކަން ދަރިފުޅަށް ވެސް އެގޭނެ... މިއަދު މިނޫން އެހެން ގޮތެއް ނެތިގެން މިއައީ... ރުޅިނާދޭ.. ނަޖުދާއަކަށް އެއްވެސް ކަމެއް ނޭނގޭނެ.. މިހާތަނަށް މަންމަ ކަންތައް މިކުރީ ދަރިފުޅު އެދުނު ގޮތަށް... މިކަން ކޮށްދިނުމަށް މަންމަ އެދޭނެ އެހެން ފަރާތެއް ނެތް..."

ނަޖުދާ! …… ނަޖުދާގެ ނަން އިވުމުން ވަދީފާ ހިތާހިތާ ކިޔާލިއެވެ.

ހަލީމާ ދެއްކި ހުރިހާ ވާހަކައެއް ވަދީފާ އިނީ ކަނުލައި އަހާށެވެ. އެކަމަކު އެއީ އޭނާއަށް އެކަން މަޖުބޫރު ވެގެންނެވެ. އެނޫން ގޮތެއް ނެތީމައެވެ. ކޮންމެގޮތެއް ވިޔަސް ވަރިހަމަކަމަށް ހަލީމާ އެއައީ އެގޭގައި ބަހައްޓަން ނަޖުދާ ގޮވައިގެންނެވެ.

ހަލީމާގެ އަތުގައި އޮތް ކޮތަޅު ފެނިފައި ވަދީފާއަށް އެކަން ޔަގީން ކުރެވުނެވެ.

މާމަގެ ވާހަކަތައް އަޑު އިވިފައި ނަޖުދާ ވަރަށް ދެރަވިއެވެ. މާމަ އޭނާ މުޅިން ދޫކޮށްލަން އުޅެނީކަން އެހިސާބުން ކުޑަކުޑަ ނަޖުދާއަށް ޔަގީން ކުރެވުނެވެ. އެކަން އެގުމުން ނަޖުދާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ރޮވޭގޮތް ވިއެވެ. ނަމަވެސް ވަދީފާގެ ފަރާތުން އެފެނުނު ކަންތައްގަނޑުގެ މަތިން ހަނދާންވެ އަޑުވީއްލައި ރޯން ނުކެރުނީއެވެ.

މަންމަ އެދެއްކި ވާހަކައިގެ ސަބަބުން ވަދީފާގެ މޫނުމަތީގެ ކުލަވަރު ބަދަލުވާންފެށިއެވެ. މޫނުމަތިން ކުރިން ފެންނަން ހުރި ރުޅިވެރިކަމާއި ކިބުރުވެރި ގޮތް ފިލައިގޮސް މުޅިން އެހެންސިފައެއް ޖެހެން ފެށިއެވެ.

މިހާރު ވަދީފާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ހީވަނީ ކަމަކާ ބޮޑު ފިކުރެއް ކުރަނީ ހެންނެވެ. ވަދީފާ އިސްދަށަށް ޖަހާލައިގެން އިނދެ އެވިސްނަނީ މަންމަގެ ހުށައެޅުމަށް ދޭނެ ޖަވާބަކާއި މެދުގައި ކަމަށްވެސް ވެދާނެއެވެ- ނަމަވެސް އެކަމުގައި ވަދީފާ ނިންމާނޭ މާގިނަ ގޮތްތަކެއް ނެތެވެ. އެކަމާއިމެދު އިތުރު ޖަވާބެއް ދޭން ވިސްނާނެ ޖާގައެއްވެސް ނެތެވެ-

އޭނާ ކިތަންމެ ނުރުހުނަސް އަދިބޭނުން ނޫނަސް އެކަމަށް ފުރަގަސް ދެވޭކަށް ނެތެވެ. ހަލީމާ އެނިންމީ އެންމެފަހުގެ ނިންމުމެވެ. އޭނާއެކަމުގައި ނިންމާނެ އެންމެ ފަހުގެ ގޮތެވެ.

ކުޑަކުޑަ ނަޖުދާ އެހުރިހާ ވާހަކައެއް އަޑުއަހާން އެހުރި ފިޔަވަޅު މަތީގައި ގުޑާވެސް ނުލައި ހުއްޓެވެ. މާމަގެ ފަސްބައިގައި ހިފަހައްޓާލައިގެން އިސްދަށަށް ޖަހައިގެން ހުރިއިރު އެ ތުއްތު ތުއްތު ދެލޮލުން އޮހެމުންދާ ކަރުނަތައް ކޯތާފަތް މަތިން އޮހޮރެމުން އައިސް މާމަގެ ފަސްބައި ތެއްމަމުންދެއެވެ. އޭނާއަށް މަންމައާއި ބައްޕަގެ ލޯބި ދީ މިހާދުވަހު ބަލާ ބޮޑުކުރި މާމައާއި ވަކިވާންޖެހޭ ވަގުތު އައިސް ކުޑަތަންވީކަން ވިސްނުނީއެވެ.

ނަމަވެސް ނަޖުދާ ރޯކަމެއް ހަލީމާ ނުދެނެހުއްޓެވެ. އެކުއްޖާފުޅުގެ ލޮލުން އޮހޮރެމުން އެދާ ކަރުނަ ތަކެއް ހަލީމާއަކަށް ނުފެނެ އެވެ. ނަޖުދާ ގިސްލާފައި ރޯކަން ހަލީމާއަށް އެގޭނަމަ އެތަން ފެނިފައި ހަލީމާ ވެސް މިހާރު ރޯންފަށައިފީހެވެ. އެއީ މީގެ ކުރިންވެސް އެކަން ހިނގާ ގޮތެވެ. މީގެ ކުރިން ވެސް ނަޖުދާ ރޯ ކޮންމެ ފަހަރަކު ހަލީމާ ރޮއެވެ. އެއީނަޖުދާގެ ނިކަމެތިކަމާއި އެކަނިވެރި ހާލަތު ހިތައް އަރާފައެވެ. މައިވަންތަ ކަމުގެލޯބި އުތުރި އަރައި އޭނާގެ ހިތައް ކުޅަދާނަ ނުވެގެންނެވެ.

ވަދީފާ އެގޮތަށް އިސްދަށަށް ޖަހައިގެން އެތައް އިރަކު އިނދެފައި އިސް އުފުލާލި އެވެ. އަދި ވަރަށް މާޔޫސް ކަމާއިއެކު ހަލީމާއާއި ދިމާއަށް ބަލައިލިއެވެ. ވަދީފާ ހަލީމާގެ ވާހަކަތަކަށް ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. ވަދީފާ އާއެކޭ ބުނާގޮތަށް ބޯޖަހާލުމުން ހަލީމާ މަޑުމަޑުން ކުރިއަށް ހިގައިގަތެވެ. ކުޑަކުޑަ ނަޖުދާގެ ބުރަކަށީގައި ހިފައިގެން ކޮއްޕަމުން ކަހަލަ ގޮތަކަށެވެ.

ނަޖުދާ އުޅެނީ ކުރިއަށް ނުހިގާށެވެ. ހަލީމާ ނަޖުދާ ގޮވައިގެން އައިސް އުނދޯލިގޭގެ އެއްފަރާތުގައި ހުރި ޖޯލިފަތިން އެއްޖޯލީގައި އޭނާގެ އަތުގައިއޮތް ހެދުން ކޮތަޅު ބޭއްވުމަށް ފަހު އަނެއް ޖޯލީގައި އިށީނެވެ. އަދި ނަޖުދާގެ އަތުގައި ހިފައިގެން ގެނަސް އޭނާ އިށީންޖޯއްޔާއި ޖެހިގެންހުރިޖޯލީގައި ބޭންދިއެވެ.

"ދަރިފުޅާ ޒަހާ،،، މާމައާ ރުޅިތަ؟... މާމަގާތަށް ބަހީބަލަ.. މީނީ ޒަހާއާއިއެކު ކުޅެންގެނައި ދައްތައެކޭ.. މިދައްތައާ ރައްޓެހިވާން ވާނެއެއްނު…

ހަލީމާ ވާހަކަ ދައްކަން ފެށުމުން ވަދީފާ އިނީ ވަރަށް ކަންބޮޑު ވެފައެވެ. ހަގީގަތުގައި ވަދީފާގެ ދަރިންނަށް ނަޖުދާ ތައާރަފު ކޮށްދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

ހޫނ... ދެން މިހާރު ތިޔައީކޮންކަމެއް.. ހުއްޓާލާ!... މަންމަގެ އަމިއްލަ ވާހަކަ މަންމަ އެކުދިން ގާތުގަ ދައްކާ.. އެކުދިންނަށް ދައްތައާ ބޭބެއާ ދައްކަން ވެއްޖެއްޔާ ދައްކާނީ އަހަރެން.. މަންމަ ބޭނުން ކަންތައް ކޮށްދީފީމެންނު.. ދެންވެސް ތިޔަ އަނގަ ގަނޑު ހިމޭނުން ލައިގެން އިނދެވޭތޯ ބަލާ!."

ހަލީމާ ދެއްކި ވާހަކައާއި ހިތްހަމަ ނުޖެހިގެން ވަދީފާ ރުޅިވެރި ކަމާއިއެކު އޭނާގެ މަންމައަށް އެތިވަރު ގޮވާލިއެވެ.

"މާމާ... ދައްތަ ރޮނީ ކީއްވެތަ؟.."

މާމަގޮވާލުމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކުރިމައްޗަށް ހުއްޓި ހުރެ ކުޑަކުޑަ ޒަހާ ނަޖުދާއާއި ގާތްވެލަމުން އޭނާގެމާމައާއި ސުވާލު

ކޮށްލިއެވެ.

ޒަހާ.... ކީއްވެގެންތަ ހިފި ނުހުރެވިގެން ތިޔައުޅެނީ... މީހަކު ރުޔަސް ނުރުޔަސް ކަލެއަށް ކީއްތަ؟... ކީއްވެތަ ކުކުޅަށްވުރެ ބިސް ދޮށިވެގެން ތިޔައުޅެނީ!.."

އެއްވެސް ރަހުމެއް ހަމްދަރުދީ އެއްނެތި ބޮޑު މީހަކާ މުހާތަބުކުރާ ބީދައިން ވަދީފާ އޭނާގެ ދަރިފުޅާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާގެ އަޑުގައި ވަނީ ރުޅިވެރިކަމާއި ހަސަދަވެރި ކަމުގެ ގޮތްގަނޑެވެ. ވަދީފާގެ އަމުރުވެރި ގަދަ އަޑުފަށްގަނޑު އިވިފައި ކުޑަކުޑަ ޒަހާ ދިޔައީ ސިއްސައިގެނެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން