(ފަސްވަނަ ބައި)

"ހަމަ ގަސްތުގަ އަންނަކަން އަންގައި ނުލީ... ދެންމެ އަކު ލެފީ... ރިޒޯޓު މަރާމާތު ކުރާތީ ޗުއްޓީއެއްލިބުނީ.. އަތޮޅު ދޯންޏަކުން މިއައީ... އެމީހުން ރަށަށް ޖައްސައިދޭނަމޭ ބުނީމަ އެދޯނިން މިއައީ..."

ވަދީފާގެ ސުވާލު ތަކަށް ޖަވާބު ދިނުމުގެ ގޮތުން މުފީދު ވާހަކަދެއްކިއެވެ.

"ބައްޕާ!... ކޮބައި ހަދިޔާ؟...

ޒަހާއަށް ނުހުރެވިގެން ބައްޕައާ ސުވާލު ކޮށްލިއެވެ.

"ހަދިޔާ.... ބައްޕަ ދަބަހުގަ ހުންނާނެ..."

ޒަހާގެ ބޮލުގައި ލޯބިން ފިރުމާލަމުން މުފީދު ޖަވާބު ދިނެވެ.

"ބައްޕަ ދަބަހެއް ނެތެއްނު...؟"

ވަރަށް ތުއްތު ތުއްތު ގޮތަކަށް ނިހާން ސުވާލު ކޮށްލިއެވެ.

"ދަބަސް ހުންނާނެ ގޭތެރޭގަ... މަންމަ ގޮސް ހަދިޔާ ދޭނެ..."

ކުޑަކުޑަ ނިހާން އުރާލަމުން މުފީދު ވާހަކަދެއްކި އެވެ.

މިހުރިހާ މަންޒަރެއް ބަލަން ބަދިގެއިން ތެލިތައް ހިފައިގެން ނުކުތް ގޮތަށް ނަޖުދާ ހުއްޓުން އަރާފައި ހުއްޓެވެ. ބައްޕައެއްގެ ލޯބި އުމުރުގައިވެސް ތަސައްވަރު ކޮށްފައި ނުވާ ނަޖުދާއަށް މިކަން ވީ ވަރަށް އަޖާއިބު ކަމަކަށެވެ. މުޅިން އާ މަންޒަރަކަށެވެ.

ނަޖުދާއަށް ތަންދޮރު އެގެން ފެށީއްސުރެ އޭނާގެ މައިން ބަފައިންނާއި ބެހޭގޮތުން ހަލީމައާއި އަބަދުވެސް ސުވާލު ކުރެއެވެ. އެސުވާލަކީ ނަޖުދާ ހަލީމައާއި ކުރިމަތި ކުރުވާ ސުވާލު ތަކުގެ ތެރެއިން ޖަވާބު ދޭން އެންމެ ދަތި އުދަގޫ ސުވާލެވެ.

"މާމަ އަބަދުވެސް ބުނަނީ އަހަރެންގެ މަންމަ އާއި ބައްޕަ ވަރަށް ދުރު ރަށަކު އުޅޭކަމަށް... ކޮންމެވެސް ދުވަހަކުން އެމީހުން އަހަރެން ބަލައި އަންނާނެ ކަމަށް ވެސް މާމަ އަހަރެންގެ ގާތުގައި ބުނޭ... ބައްޕަވެސް އެއުޅެނީ ރިޒޯޓެއްގައި ކަންނޭގެ... "

ނަޖުދާގެ ލޮލުގެ ކުރިމަތިން ފެންނަމުންދާ މަންޒަރު ތަކުގެ ސަބަބުން އޭނާގެ މައިންބަފައިންގެ މަތިން ހަނދާންވެ އެތައް އެއްޗެހި ތަކެއް އެވަގުތު އޭނާގެ ހިތައް އަރާ ފައިބަމުން ދިޔައެވެ.

"އެހެރީ ކޮންކުއްޖެއްތަ؟... އެއީ އެއްކަލަ ވަދީފާގެ މަންމަ ބަލައިބޮޑުކުރާ ކުއްޖާތަ..؟ މިހާރު މިގޭގަތަ؟.. މަންމަ ކޮބައިތަ؟. މާބޮޑަށް ބަލިވީތަ..؟ "

މުފީދު ހުއްޓުމެއް ނެތި އޭނާގެ ހިތައް އެވަގުތު އައި ހުރިހާ ސުވާލެއް އެއްފަހަރާ ފައްޗަކަށް އަމުނާ ލިއެވެ.

މުފީދު އެސުވާލުތައް ކުރަމުން ގެންދިޔަ ވަގުތު ވަދީފާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ އާދަޔާ ޚިލާފު ކުލަވަރު ނުފެނުނީ މުފީދު އެކުއްޖާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީމައެވެ. ވަދީފާގެ މޫނުމަތި އެވަގުތު މުފީދަށް ފެނުނުނަމަ އިތުރު ސުވާލު ތަކެއް އޭނާގެ ހިތު ތެރޭގައި އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މުފީދަށް އެމަންޒަރު ނުފެނުނީ ހަމަ ނަސީބަކުން ކަންނޭގެ އެވެ.

"އާނ!... އެއީ މަންމަ ބަލާ ބޮޑުކުރި ކުއްޖާ.. މަންމަ މިހާރު ބަލިކަމުން އެހެރީ މަގޭބޮލަށް އެކަން އަރާފަ... އެކަހަލަ އުނދަގުލެއް ނޫނިއްޔާ މަންމަ ނުޖައްސާނެ..."

ވަދީފާ މޫނަށް ފާޑެއްގެ ނުބައި ވައްތަރުތަކެއް ޖައްސަމުން މުފީދުގެ ސުވާލު ތަކުގެ ޖަވާބުގައި ބުނެލިއެވެ.

އެއީ ވަރަށް ރަނގަޅު ދައްތައެއް.... އެދައްތައަށް ކިޔަނީ..."

ކުޑަކުޑަ ޒަހާއަށް ބުނެވުނީ މިހާހިސާބަށެވެ. ވަދީފާގެ ގަދަފަދަ ހަޅޭކުގެ އަޑުފަށްގަނޑާއެކު ޒަހާގެ އަނގަ އެއްފަހަރުން ބަންދު ކޮށްލިއެވެ. ހަލީމާ އެވަގުތު އައި ސިނގު ރުޅިއެއްގެ ސަބަބުން އޭނާގެ ފިރިމީހާގެ މަތިންވެސް ހަދާން ނެތުނީއެވެ. ވަދީފާގެގައިގާ ހުންނަ މިފަދަ ނުބައި އާދަތަކަކީ މުފީދު އަބަދުވެސް ދެކޮޅުހަދާ ކަމެކެވެ.

"ސާބަސް.. އަދިވެސް ވަދީފާގެ ތިޔަނުބައި އާދަ ދޫކޮށްލާކަށްނުވޭތަ؟... ބަލަ ކުދިންނަށް ވިސްނެން ފެށީމަ އެކުދިންނަށް ތިޔަފަދަ ކަންތައްތަކުން އަސަރު ކުރާނެމިންވަރު ވަދީފާއަށް އަދިވެސް ނުވިސްނެނީތަ...؟"

ކައިރީގާ ތިބި ދެދަރިންނާމެދު ވިސްނާލުމަށް ފަހު އިތުރަށް އެމައުޟޫއާއިގެން ކުރިއަށް ދާކަށް މުފީދު ގަސްތެއް ނުކުރިއެވެ.

"ހިނގާ ދެން ގޭތެރެއަށް ދާން... ބައްޕަ ދަރިފުޅު މެންނަށް ގެނައީ ކޮންއެއްޗެއްތޯ ބަލަން ޖެހޭނެއެއްނު؟..."

މިހެން ބުނެފައި މުފީދު ދެދަރިންގެ އަތުގައި ހިފައިގެން ގެއާއި ދިމާއަށް ހިގައިގަތެވެ.

އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ވަދީފާވެސް ހިގައިގަތެވެ.

ނަޖުދާ އަދިވެސް ގަބުވެފައި ކަޅިޖަހާނުލައި އެމަންޒަރުތައް ބަލަން ހުއްޓެވެ. ވަދީފާ ޖޯލިން ތެދުވިތަން ފެނިފައި ނަޖުދާ ދިޔައީ ބިރުން ރޫރޫ އަޅައިގެންނެވެ.

ވަދީފާ ޖޯލިން ތެދުވިގޮތަށް ނަޖުދާއަށް ލޯއަޅައިލިއެވެ. އެތަން ފެނިފައި އެފަކީރު ބިރުން ދެލޯމެރީއެވެ.

އެތައްއިރެއް ފަހުން ދެލޯހުޅުވާ ބަލައިލިއިރު އެއިން މީހަކު ފެންނަ ހިސާބަކުވެސް ނެތެވެ.

އަރުތެރެ މުޅިންހިކި ކުޑަދޫ ބޭރަށް ނިކުންނަވަރު ވެފައިވާ ނަޖުދާއަށް ފެންބޮވައި ގަނެފައި ހުރިލެއް ބޮޑުކަމުން މެންދުރުން އަނބުރައި ދިޔައިރު ވެސް ބަނޑުހައިކަން އިހުސާސް ވާވަރެއް ނުވެއެވެ. އޭނާ މިހާރު ބޭނުންވަނީ ވަރަށް ގިނައިން ފެންބޮއި ފެންބުއިމުގެ އަލާ ރަނގަޅަށް ފިލުވައިލާށެވެ. ނަމަވެސް ފެންފޮދެއް ބޯން އެފަކީރު ދާނީ ކޮންތާކަށް ހެއްޔެވެ؟ މިއަދު އެފަކީރަށް ފެންފޮދެއް ދިއްކޮށްލާނީ ކޮންއަތަކުން ހެއްޔެވެ؟

ކުޑަކުޑަ ނަޖުދާ ހިއްވަރު ކޮށްފައި އޭނާގެނައި ތާހާއި ތެލި ދޮވެވޭތޯ މަސައްކަތް ފެށިއެވެ. ގޭގައި މާމަޔާއިއެކު އޭނާ ތެލިދޮވެ ހަދައެވެ. އެހެންވެ މާމަކައިރިން އެކަން ކުރާގޮތް އޭނާއަށްވަނީ ކޮންމެވެސް މިންވަރަކަށް އެނގި ދަސްވެފައެވެ.

ދޮންނަން ގެނައި ތެއްޔާއި ތާސް ބިންމަތީގައި ބެހެއްޓުމަށްފަހު ނަޖުދާ ވިސްނައިލީ އެތަކެތި ދޮންނަން ފެންފޮދެއް ލިބޭނެ ގޮތަކާއި މެދުގައެވެ. އޭނާގެ ކުރިމަތީގައި ހުރީ ފެންނަގާ ބުންބާ އެކެވެ. މީގެ ކުރިންވެސް އެއިން ފެންފޮދެއް ނެގޭތޯ ކުރި މަސައްކަތް ވަނީ ބޭކާރު ވެފައެވެ. އެއިން ފެންފޮދެއް ނެގޭހާ ބާރެއް ކުޑަކުޑަ ނަޖުދާގެ އަތަކުނެތެވެ. ފެނާއި ނުލައި އެތަކެތި ނުދޮވެވޭނޭ ކަން ނަޖުދާއަށް ވިސްނެއެވެ.

ނަޖުދާއަށް އަނެއްކާވެސް ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ވަދީފާގެ އަމުރަށް ކިޔަމަން ގަތުމަށްޓަކާ އެތެއްޔާއި ތާސް އެބަ ދޮންނަން ޖެހެއެވެ. އެތަކެތި ދޮވެވޭނެ ގޮތެއް ނެތެވެ.

ހަދާނެގޮތް ހުސްވެގެން އެފަކީރަށް މިހާރު ރޮވެން ފަށައިފިއެވެ. އެތަކެތި ނުދޮވެ ހުއްޓާ ވަދީފާއަށް ފެނިއްޖެ ނަމަ އަންނާނެ ވަރުގަދަ ހަމަލާއަކާއި މެދު ބިރު ހީވެގެންނެވެ. ހަދާނެގޮތް ހުސްވެގެންނެވެ. ވަދީފާ ނިކުންނަން ވާއިރަށް އެތަނުން ދުވެ ރައްކާ ވެގެން ދާންވެސް އެތައް ފަހަރަކު ނަޖުދާގެ ހިތައް އެރިއެވެ. ނަމަވެސް އެފަދަ ނުކިޔަމަންތެރި އަމަލެއް ހިންގުމަށް ނަޖުދާގެ ކިޔަމަންތެރި ޅަސިކުނޑި އެއްބަހެއް ނުވެއެވެ.

"ކޮއްކޯ!.. ކޮބައިތަ މިގޭ މީހުން.. ނެތީތަ...؟"

ފަހަތުން އަންހެނެއްގެ އަޑު އިވުމާއެކު ފެންކަޅިވެފައިހުރި ނަޖުދާ ދިޔައީ ސިއްސައިގެންނެވެ. ފަހަތުން އިވުނު އަޑަށް ނަޖުދާ އަވަސް އަވަހަށް ދެލޯފޮހެލާފައި އެބުރިބަލައިލިއެވެ. އޭރު ދެންމެ ވާހަކަ ދެއްކި މީހާ ހިނިތުން ވެފައިހުރެ އޭނާއާއި ދިމާއަށް އަންނަނީއެވެ. ބިރުންހުރި ވަރުން ނަޖުދާއަށް އެމީހާ ސިފަވީ ވަދީފާގެ ސިފައިގަ އެވެ. ދިގުހެދުމެއް ލައިގެން ހުރި މިއަންހެން މީހާއަކީ ވަދީފާ ނޫންކަން ޔަގީން ވުމުން ނަޖުދާގެ ބިރުފިލައި ގޮސް ހަމަޖެހޭގޮތް ވިއެވެ.

"ތިޔައީ ކޮންކުއްޖެއް؟.. ވަދީފާ މަންމަ ގެންގުޅޭ ކުއްޖާތަ...؟"



އެއަންހެން މީހާ ވަރަށް އޯގާތެރި ކަމާއެކު ސުވާލުކޮށްލިއެވެ.

އެއަންހެން މީހާކުރި ސުވާލުގެ ޖަވާބުގައި ނަޖުދާ ބޯޖަހާލިއެވެ.

"ކޮބައިތަ ވަދީފާ ދައްތަ؟... ގޭގައި ނެތީތަ؟.."

މިފަހަރުވެސް ނަޖުދާ ޖަވާބުދިނީ ބޮލުގެ

އިޝާރާތުންނެވެ. ހަގީގަތުގައިވެސް ނަޖުދާގެ

ގައިގާ ވާހަކަ ދައްކާނެހާ ހިއްވަރު ނެތީއެވެ.

"ތިޔަ އުޅެނީ ތެލި ދޮންނަންތަ؟..."

ނަޖުދާގެ ކައިރީގަހުރި ތެލިތައް ފެނިފައި އެކުރަން އުޅޭކަމެއް އެއަންހެން މީހާއަށް ވިސްނައި ގަނެވުނު ކަހަލައެވެ.

"ދެން ކީއްވެ ނުދޮވެ ތިހިރީ؟... ތެލިދޮންނަން އެގޭތަ؟..."

އޭނާ ވާހަކަދައްކައި ނުނިމި އުޅެނިކޮށް ނަޖުދާ ބުންބާއާއި ދިމާއަށް އިގިލިން އިޝާރާތް ކޮށްލިއެވެ.

"ބުންބާއިން ފެން ނުނެގުނީ ދޯ؟.. ދައްކާ ދައްތަ ފެންފޮދެއް ނަގައި ދޭނަން..."

އެހެން ބުނެފައި އެއަންހެންމީހާ ބުންބާ ހަލުވަން ފެށިއެވެ.

-ނުނިމޭ-



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން