ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާ ދީ ބަންގްލްދޭޝް މީހާ މަރާލި މައްސަލައިގައި ހޯދަމުން ދިޔަ ޕާކިސްތާން މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް-2 ގެ ބީޗުން ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރެންޓްގައި އިއްޔެ ހަވީރު ވަޅިން ހަމަލާދީ އެތަނުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބަނގުލަދޭޝް މީހާ މަރާލި މައްސަލައިގައި ރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ އެ ރެސްޓޯރެންޓް ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝް މީހާ މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް ހުޅުމާލޭ ފޭސް-2 ގެ ބީޗް ސަރަޙައްދުންނެވެ. އެ މައްސަލައާ ގުޅިގެން އިތުރުމީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން ރޭ ވަނީ އޭނާގެ ފޮޓޯ އާންމުކޮށް އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އާބިދަކީ ނުރައްކާތެރި މީހެއްކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ޕާކިސްތާނުގެ މުހައްމަދު އާބިދު، ބަންގްލަދޭޝްގެ މީހާއަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓް ބަދިގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެެވެ. މަރުވިމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނިޒޭޝަން ޑިޕާޓްމެންޓުން މިހާރު ދަނީ ތަހުގީގު ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން