ރައީސް ސާލިޙުގެ ސަރުކާރު ކުޑަކަކުލަށް ތިރިކޮށްލަން އެމްޑީޕީގެ ތެރެއިން ކުރި އެތައް ކަމެއް އޭނާ އިސްވެ ހުއްޓުވާފައިވާނެ ކަަަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެން މީޑިއާއަކަށް ދެއްވި އިންޓަވިއު އެއްގައި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ތެރެއިން ރައީސް ސާލިޙާއި ސަރުކާރަށް އައި ހުރިހާ ހަމަލާއެއް ދިފާއުކުރެއްވި ކަމަށެވެ. އޭނާ ޓާގެޓަކަށް ހަދައިގެން ކޮރަޕްޝަނާއި ނުފޫޒާއި ބިރުގެ ވާހަކަ ދައްކަނީ އެހެންވެގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ސަރުކާރު ކުޑަކަކުލަށް ތިރިކޮށްލަން އެތެރެއިން ކުރި އެތައް ކަމެއް ހުންނާނީ އަޅުގަނޑު އިސްވެ ހުއްޓުވާފައި. އެކަމުގެ ތެރެއިން ނުފޫޒު ބިރުގެ ވާހަކަ އެ ދައްކަނީ. މިއީ އެންމެން ނުދައްކާ އޮތް ބޮޑު ސިއްރެއްގެ ވާހަކަ." ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ވަކި ފެކްޝަނަކުން އެމްޑީޕީ ކޮންޓްރޯލް ކުރަމުން އައި އައުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެމްޑީޕީގެ ތެރޭގައި އެކެއްގެ އަތުގައި ކޮންޓްރޯލް އޮތް އޮތުން ކުޑަވަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ޑިމޮކްރެޓިކް ޕާޓީއެއް އޮންނަންޖެހޭނީ ވެސް އެގޮތަށް. އެންމެންގެ ފިކުރާއި މަޝްވަރާގެ މަތިން ކަންކަން ނިންމަންވާނީ. އެމްޑީޕީ މިދަނީ ޑިމޮކްރެޓިކް ޕާޓީ އަކާ ދިމާލަށް." ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މާދަމާގެ އިންތިޚާބުން މޮޅުވިޔަސް ބަލިވިޔަސް އެކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށެވެ. ނާކާމިޔާބު ވި ނަމަވެސް ބަލި ގަބޫލު ކުރައްވާނެ ކަަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ރައީސް ނަޝީދާ ދެކޮޅަށް އިންތިހާބެއްގައި ވާދަކޮށްލި މީހުންނާމެދު މިޕާޓީގެ ތެރެއިން ކަންކަން ވެގެން ދިޔަ ގޮތް އެނގޭނެ. އަޅުގަނޑުމެން އެކަން އެނގިގެން މިކަމަށް ނިކުތީ. އަޅުގަނޑުމެން މޮޅުވިޔަސް ބަލިވިޔަސް އެކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން ހުންނާނެ. އަޅުގަނޑުމެން ޒާތީއެއް ނުވާނަން. އަޅުގަނޑުމެންނަށް އެއްކޮށް މަސައްކަތް ކުރެވޭނެ." ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން