މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ފޮޓޯ: ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ފޮޓޯ: ކައުންސިލް
މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރިގޮތާ ގުޅޭ މައްސަލަ ފެށުމާއެކު މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ވެސް ވެރިކަން ކުރާ ޕީއެންސީން ގެއްލުވާލައިފިއެވެ.

މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި، ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާ އެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ. އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. ގިނަ ބިންތައް ދޫކޮށްފައި ހުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ކަމަށް އެ ލިސްޓުން އެނގެއެވެ.

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ.

މާލޭ ސިޓީ ކައުންސިލްގެ އެންމެ ފަހުން ބޭއްވި ދެ ޖަލްސާއަށް ވެސް ބިމުގެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އެންމެ ފަހުން ބޭއްވި ދެ ޖަލްސާގައި ވެސް އެ މައްސަލައެއް ނުބެލުނެވެ. އެހެންވެ، މިއަދުގެ ޖަލްސާއަށް ވެސް ބިމުގެ މައްސަލަ އެޖެންޑާކުރިއެވެ.

މިއަދުގެ ޖަލްސާ ފެށީ ޖުމުލަ 10 މެންބަރުންނާ އެކުއެވެ. އެއީ، ސީދާ ކޯރަމެވެ. އެއަށްވުރެ އެއް ކައުންސިލަރު މަދުވިޔަސް ކޯރަމް ގެއްލޭނެއެވެ. މި ޖަލްސާގައި ފުރަތަމަ އޮތީ ކުރީގެ ޔައުމިއްޔާތައް ފާސްކޮށް، ބިމުގެ ދަފުތަރަށް މި މަހު 20 އާ ހަމައަށް ލިބުނު ޝަކުވާތައް ބަލައިގަނެ، އޭގެ ފަހުން ލިބޭ ޝަކުވާ ބަލައިނުގަންނަން ނިންމުމެވެ.

އެއަށް ފަހު، ދެން އެޖެންޑާކޮށްފައި އޮތީ ދަފުތަރުގައި ހިމަނާފައިނުވާ އެއްބަސްވުންތަކާމެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމެވެ. ނަމަވެސް އެ އައިޓަމަށް ދިއުމާ އެކު ޕީއެންސީއަށް ނިސްބަތްވާ ދެ ކައުންސިލަރުން ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައެވެ. އެއީ، ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމާއި ތަޅުމުގައި އިންނެވި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީހާން ނާޒިމެވެ.

އެހެންވެ، ކައުންސިލް ޖަލްސާގެ ކޯރަމް ގެއްލި، އެ މައްސަލަ މިއަދުވެސް އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.



ކިޔުންތެރިންގެ ހިޔާލު