އެޗްޑީސީގެ އެމްޑީ ޝުހައިލް
އެޗްޑީސީގެ އެމްޑީ ޝުހައިލް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 2022 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ، މި ޕްރޮގްރާމަކީ އެ ކުންފުނީގެ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށާއި މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 100 ބައިވެރިންނަށް އަދި އެ ކުންފުނީގައި ކަނޑައެޅިފައިވާ ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެއެވެ.

އެ ކުންފުނިން ބުނީ، މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށް ކަމަށާއި އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ލިބޭނެކަމަށެވެ. އަދި މި ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ވެސް ލިބިގެންދާނެ ކަމަށް އެމްޓީސީން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހެވެ. މި ޕްރޮގްރާމަށް ޖޮބްސެންޓަރ މެދުވެރިކޮށް ވެސް ކުރިމަތިލެވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

ޕްރޮގްރާމްގެ މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ، މި ޕްރޮގްރާމްގެ ދަށުން ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ޕްލަމްބިން، ކާޕެންޓަރ، ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން މެކޭނިކް، ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒަރ އަދި ބިލްޑިންގް މެއިންޓަނެންސް ދާއިރާ ހިމެނޭހެން ޖުމުލަ 10 ދާއިރާއަކުން ތަމްރީނުވުމަށް ފުރުސަތު ދެވޭނެކަމަށެވެ. 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގުސަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލް މީހުން ބިނާކުރުމާއި އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ގައުމީ ފެންވަރުގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރަނިވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

މިފަހަރުގެ ޕްރޮގްރާމްގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ 20 އިންސައްތަ ހާއްސަ ކޮށްފައިވަނީ އަންހެން ބައިވެރިންނަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ކްލާސްރޫމް ސެޝަންތަކުގެ އިތުރުން 6 ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިންގ ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނީ، މި ޕްރޮގްރާމުން ރަނގަޅު ނަތީޖާ ހޯދާ ބައިވެރިންނަށް، އެ ކުންފުނީގައި ވަޒީފާ އޮތް މިންވަރަކުން ވަޒީފާ ހަމަޖައްސާދެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން