ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު
ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު
އަނިޔާވެެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގެ ޝަރީއަތުގައި ހެކިވެރިންގެ ހެކިބަސްނަގައި ނިންމާލައިފިއެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ ދަޢުވާއަށް އިބްތިދާއީ މަރުޙަލާގައި އިންކާރު ކުރުމަށްފަހު ޝަރީޢަތުގެ މަރުޙަލާގައި އަދުހަމް ވަނީ ދަޢުވާއަށް އިޢުތިރާފްވެފައެވެ. ނަމަވެސް އަދުހަމް ބުނެފައިވަނީ އެއީ ޤާސިމް މަރާލުމުގެ ޤަސްދުއޮވެގެން އެނިޔަތުގައި ކުރި ކަމެއް ނޫންކަމަށާއި، އެ ޢަމަލަކީ މަސްތުގެ ހާލުގައި ހުރުމުން ފޭރުމުގެ ތެރޭގައި އޭނާގެ އަތުންވީ ކަމެއް ކަމަށެވެ. އެހެންކަމުން ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ކޯޓުގައި ދަނީ ނަގަމުންނެވެ.

ޤާސިމްގެ މަރުގެ މައްސަލައިގައި މިއަދު ހެކިބަސް ދީފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރެކެވެ. އޭނާ ވަނީ މި މައްސަލައިގެ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީއާ ގުޅޭގޮތުން ހެކިބަސް ދީފައެވެ. އެގޮތުން ހޮސްޕިޓަލަށް ޤާސިމް ގެނައިރުވެސް ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ނެތްކަމަށް ހެކިބަސްދެމުން އޭނާ ވަނީ ބުނެފައެވެ. ޤާސިމްގެ މެޑިކޯ ލީގަލް ރިޕޯޓުގައިވަނީ ހޮސްޕިޓަލަށް ޤާސިމް ގެނެވުނުއިރުވެސް ކަރުގެ ވާތް ފަޅީގަޔާއި ކަނާތު އަތުގައި ޒަޚަމްތައް ހުރިކަމަށާއި ހަށިގަނޑުގައި އެއްވެސް ވިންދެއް، ލޭގެ ޕްރެޝަރެއް ނުވަތަ ނޭވާއެއް ނެތްކަމަށެވެ.

ޤާސިމްގެ ޑެތު ސަމަރީގައި ވަނީ އޭނާ ނިޔާވީ ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހަށިގަނޑުން ބޭރަށް ލޭ އޮހޮރިގެން ހަށިގަނޑުގެ އާންމު ލޭގެ ނިޒާމު މަސައްކަތް ކުރެވޭ މިންވަރަށް ލޭ ދައުރު ނުކުރެވުމުން، ވިންދާއި ޕްރެޝަރ ކޮންޓްރޯލް ނުކުރެވި "ހިމޮރެޖިކް ޝޮކް" އަކަށް ގޮސްގެން ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ޤާޟީ އަލީ ނަދީމް ވިދާޅުވީ މައްސަލާގައި ދެން އޮންނާނީ ހެއްކާގުޅޭގޮތުން ވާހަކަދެއްކުމާއި ޚުލާސާބަޔާން އިއްވުން ކަމަށެވެ. އެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.

ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.

އަދުހަމްގެ އަމިއްލަ އިއުތިރާފާއެކު، އެ މައްސަލައިގެ ޝަރީއަތް، އަވަސް ނިޔާއާ ހަމައަށް އައިއިރު، އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ގާސިމް މަރާލިކަމަށް އިންކާރުކޮށްފައެވެ. އެހެން ނަމަވެސް އަދުހަމް ފަހުންވަނީ ކުށަށް އިއުތިރާފުވެ ކުރިން އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރުދައްކާ މަޖުބޫރު ކުރުވުންމުން ކަމަށާއި މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތް ކަމަށް ބުނެފައެވެ. އަދްހަމް ވަނީ ގާސިމްގެ ވާރިސުންގެ ކިބައިން މާއާފަށް އެދި އަދަބު ލުއިކޮށްދިނުމަށް އެދޭ ކަމަށް ވެސް ބުނެފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމް ވިދާޅުވީ، އަދަބަށް ލުއި ދެވޭނީ އިބްތިދާއީ މަރުޙަލާގައި އިއުތިރާފުވުމުން ކަމަށް ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ކަމަށާއި، ޝަރީއަތް ފެށުމަށްފަހު އިއުތިރާފުވީ ނަމަވެސް އަދަބަށް ލުއި ނުދެވޭނެ ކަމަށެވެ.

ގާސިމަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. އަދި ގާސިމަކީ ޖުމްހޫރީ ޕާޓިގެ ލީޑަރ ގާސިމް އިބްރާހިމްގެ އާއިލީ މީހެއް ވެސް މެއެވެ. ގާސިމް ނިޔާވިއިރު އަންބަކާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން