އިންޑިއާގެ ކޮލްކަޓާގައި އޮތް ކޮންސެޓެއްގައި ލަވަ ކިޔާ ނިންމާލިތާ މާގިނައިރެއްނުވެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭ މަރުވެއްޖެއެވެ.

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްނާކުމާރު ކައްނަތު (ކޭކޭ) މަރުވީ ރޭ އޮތް ކޮންސެޓް ނިމުނުތަނާ ވަރަށް ކުއްލި ގޮތަކަށެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ކޮންސެޓް ނިމުނުތަނާ ކޭކޭ ވެއްޓުމުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައެވެ.

އޭނާ މަރުވިއިރު އުމުރަކީ 53 އަހަރެވެ. ހިންދީ ބަހުގެ އިތުރުން ތަމަޅަ ބަހުންނާއި ބެންގާލީ ބަހުންނާއި ތެލަގޫ ބަހުންނާއި އަދި އިތުރު އެހެން ބަސްތަކުން ވެސް ލަވަކިޔާފައިވާ ކޭކޭގެ މަރާ އެކު މުޅި އިންޑިޔާއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

މި ހިތާމައިގައި ބައިވެރިވެ ވަޑައިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ކޭކޭގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ކޭކޭގެ މަރާއެކު މުޅި އިންޑިޔާ އަންނަނީ ހިތާމަފާޅުކޮށް އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ކޭކޭ މަޝްހޫރުވެފައި ވަނީ 1990ގެ ފަހުކޮޅު ގައި ޒުވާނުންގެ މެދުގައި ބޮޑު ހިޓަކަށް ވެގެން ދިޔަ "ޕާލް" އާއި "ޔެރޮން" ފަދަ ލަވަތަކުންނެވެ. 1999 ވަނަ އަހަރު ނެރުނު އޭނާގެ ފުރަތަމަ އަލްބަމް "ޕާލް" އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މީގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކަށް މަޝްހޫރު ގިނަ ލަވަތަކެއް އޭނާ ވަނީ ކިޔާފައެވެ.

ކޮންސެޓެއްގައި ލަވަ ހުށަހަޅައިދިންތާ އިރުކޮޅެއް ފަހުން މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭ މަރުވެފައިވާއިރު ކޮންސެޓެއްގައި ލަވަ ހުށައަޅައިދެނިކޮށް އިންޑިޔާގެ ލަވަކިޔުންތެރި އެއް ކަމަށްވާ އެޑާވާ ބަޝީރުވެސް ދާދި ފަހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން