އައިމިނަތު ޝާހިދާ
އައިމިނަތު ޝާހިދާ
ހަތަރު އަހަރުގެ އަމިއްލަ ދަރިފުޅު މަރާލިކަން އެ ކުއްޖާގެ މަންމަ އައިމިނަތު ޝާހިދާގެ މައްޗަށް ސާބިތުވީ ނަމަވެސް އޭނާގެ ކިބައިން މަރުގެ ދިޔަ ބޭނުން ނުވާކަމަށް ކުއްޖާގެ ބައްޕަ ބުނެފިއެވެ.



2016 ފެބްރުއަރީމަހު 11 ވަނަ ދުވަހު ށ. އަތޮޅު ނޫމަރާ ރީޑަސްވިލާގޭގައި ސީރިއަސް ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒުގެ ގަޔަށް ވަޅިޖަހާ މަރާލި މައްސަލާގައި އޭނާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ކުށްސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ މައްސަލާގައި ދަޢުލަތުން ޝާހިދާގެ މައްޗަށް ދައުވާކުރީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ.

ހަ އަހަރު ވަންދެން ކުރިއަށް ގެންދިޔަ ސިއްރު ޝަރީއަތްތަކަށްފަހު، ކްރިމިނަލް ކޯޓުން ޝާހިދާގެ މައްޗަށް އެކުށް ސާބިތުވާކަމަށް ހުކުމްކޮށްފައިވާއިރު ދަރިފުޅު މަރާލިކަމަށް ޝާހިދާ ވަނީ އިއުތިރާފުވެފައެވެ. އެމައްސަލާގައި ޝައިހާގެ ވާރިސުންގެ ބަސް ނެގުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.

ކުއްޖާގެ ހަމައެކަނި ވާރިސުގެ ގޮތުގައި ކޯޓަށް ހާޒިރު ކުރީ، ކުއްޖާގެ ބައްޕަ އެވެ. ޝަރީއަތުން އޭނާއާ ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ ޝާހިދާގެ ކިބައިން ޤިޞާޞް ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ ޝާހިދާ އުމުރަށް ޖަލަށްލުމަށެވެ.

އެ މައްސަލައިގެ އިއްޔެގެ ޝަރީޢަތް ނިންމަވާ ލައްވަމުން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މައްސަލާގައި އަދަބު ކަނޑައެޅުމަށް އަންނަ އާދީއްތަ ދުވަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

ހަތަރު އަހަރުގެ ޝައިހާ މަރާލާފައިވަނީ ހަށިގަނޑުގެ 10 ތަނަކަށް ވަޅި ހަރައިގެންނެވެ. އެއީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެންނެވެ. އެހާދިސާ ހިނގިއިރު ޝާހިދާގެ ހަ އަހަރުގެ އަންހެން ދަރިފުޅުވެސް އެކޮޓަރީގައި ނިދާފައި އޮތް ކަމަށްވެ އެވެ. ޝައިހާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން