ވެބް ބްރައުޒިންގ ނުވަތަ އެކިއެކި ވެބްސައިޓްތަކަށް ވަނުމަށް މައިކްރޯސޮފްޓުން 1995 ވަނަ އަހަރު ތައާރަފްކުރި "އިންޓަނެޓް އެކްސްޕްލޯރާ"އަށް ސަރވިސް ދިނުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށް މައިކްރޯސޮފްޓުން ހާމަކޮށްފިއެވެ.

ވެބް ބްރައުޒިންގއަށް މައިކްރޯސޮފްޓުން 1995 ވަނަ އަހަރު ތައާރަފްކުރި "އިންޓަނެޓް އެކްސްޕްލޯރާ" އެންމެ ފުރަތަމަ ބޭނުންކުރަން މަޝްހޫރު "ސްޓާޓް" ތައަރަފްވެގެންދިޔަ"ވިންޑޯސް 95"އާއެކުއެެވެ. އޭރު އިންޓަނެޓް އެކްސްޕްލޯރާ އަކީ ވިންޑޯސްއާއެކު އެޑްެއޮން ޕެކޭޖެކެވެ.

1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް "އިންޓަނެޓް އެކްސްޕްލޯރާ"ގެ 11 ވަރޝަންއެއް ވަނީ ނެރެފައެވެ. އެންމެފަހުން ނެރެފައިވަނީ "އިންޓަނެޓް އެކްސްޕްލޯރާ 11"އެވެ. އޭގެފަހުން މައިކްރޯސޮފްޓުން ވަނީ "މައިކްރޯސޮފްޓް އެޖް"ގެ ނަމުގައި އައު ބްރައުޒާއެއް ތައާރަފްކޮށްފައެވެ.

2000ގެ އަހަރުތަކުގައި ވެބްސައިޓްތަކަށް ވަނުމަށް އެންމެ ގިނަ ބަޔަކު ބޭނުންކުރީ "އިންޓަނެޓް އެކްސްޕްލޯރާ"އެވެ. އެއީ ގާތްގަނޑަކަށް މާކެޓްގެ 95 އިންސައްތައެވެ. ގިނަ ބަޔަކު އޭރު "އިންޓަނެޓް އެކްސްޕްލޯރާ" ބޭނުންކުރީ މައިކްރޯސޮފްޓް ވިންޑޯސްގެ ޑިފޯލްޓް ބްރައުޒާއަކަށްވުމުންނެވެ. އޭރު "އިންޓަނެޓް އެކްސްޕްލޯރާ"އާ އެންމެ ވާދަވެރިކޮށް އުޅުނީ "ނެޓްސްކޭޕް ނެވިގޭޓަރ"އެވެ.

"އިންޓަނެޓް އެކްސްޕްލޯރާ" ބޭނުންކުރާ މީހުންގެ އަދަދު ދަށަށް ދާންފެށީ 2002 ވަނަ އަހަރު "ފަޔަރފޮކްސް" އަދި 2008 ވަނަ އަހަރު "ގޫގުލް ކްރޯމް" ތައާރަފްވުމުންނެވެ. މިއާއެކު "އިންޓަނެޓް އެކްސްޕްލޯރާ" މާކެޓް ޝެއަރ 2010 ވަނަ އަހަރު 50 އިންސައްތަ ދަށަށް ދިޔައެވެ.

އެންމެ ގިނަ ބަޔަކު ބޭނުންކުރާ ވެބް ބްރައުޒާގެ މަގާމު "އިންޓަނެޓް އެކްސްޕްލޯރާ"އަށް ގެއްލުނީ 2012 ވަނަ އަހަރު އެ މަގާމު "ގޫގުލް ކްރޯމް"އަށް ލިބުމާއެކުއެވެ. އަދި މިއަދު ވެބްސައިޓްތަކަށް ވަންނަން "އިންޓަނެޓް އެކްސްޕްލޯރާ" ބޭނުންކުރާ މީހުންގެ އަދަދު 1 އިންސައްތަށްވުރެ މަދެވެ.

"ގޫގުލް ކްރޯމް" ބޭނުންކުރާ ނިސްބަތަށް ބަލާއިރު، ވެބްސައިޓްތަކަށް ވަންނަ ކޮންމެ 10 މީހެއްގެ ތެރެއިން 6 މީހުން ބޭނުންކުރަނީ "ގޫގުލް ކްރޯމް"އެވެ. މާކެޓް ޝެއަރގެ 19 އިންސައްތައާއެކު 2 ވަނަ ލިބެނީ އެޕަލް ކުންފުނީގެ ބްރައުޒާ "ސަފާރީ"އަށެވެ. 4 ޕަސަންޓާއެކު 3 ވަނަ ލިބެނީ "ފަޔަރފޮކްސް"އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން