ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުގެ ސަބަބުން ކަމަށް ބުނެފައިވާތީ އެ ކަމަށް މަގުފަހިވީ ސަބަބުތަކާއި ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ފުލުހުންގެ ތެރޭގައި ފިޔަވަޅު އަޅާފައިވާނަމަ އަޅާފައިވާ ފިޔަވަޅުތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށައަޅައިފި އެވެ.

އެ މައްސަލަ ބަލަން މަޖިލީހުގެ ކޮމެޓީއަށް ހުށައަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ހުށައެޅުއްވި މައްސަލާގައި ބުނީ ރާއްޖޭގައި ޔޯގާ ހަރަކާތް ހިންގުމާމެދު ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ދިވެހި ސަރުކާރާއި ބޭރުގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުން ބައިވެރިކޮށްގެން ސަރުކާރުން އެ ހަރަކާތް ގަލޮޅު ދަނޑުގައި ހިންގިއިރު އެކަށީގެންވާ ގޮތެއްގައި ސެކިއުރިޓީ ނުބެލެހެއްޓުމުގެ ސަބަބުން ހިނގާފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ ސުލްހަމަސަލަސްކަމާއި ރައްކާތެރިކަމާ ބެހޭ ގޮތުން ދެކޭ ގޮތް ބަދަލުވެ ސަލާމަތީ ހިދުމަތްތަކުގެ ގާބިލް ކަމާމެދު ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

.ވީމާ ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވި ދުވަހު އެތަނުގެ ސެކިއުރިޓީ ބްރީޗްވުމަށް މަގުފަހިވީ ސަބަބުތަކާއި ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ފުލުހުންގެ ތެރޭގައި ފިޔަވަޅު އަޅާފައިވާނަމަ އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ މެދުވެރިކޮށް ބައްލަވައިދެއްވުން އެދެމެވެ." ކުރީގެ ޑިފެންސް މިނިސްޓަރު ހުށަައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ ބަޔަކަށް ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުގެ ސަބަބުން ކަމަށެވެ. އަދި ފުލުހުންގެ ސެކިއުރިޓީ ފެއިލްވި ފެއިލްވުމާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އެކަން އެހެން ދިމާވުމުން ފުލުހުންގެ އެތެރޭގެ އިންކުއަރީއެއް ހަދަމުންދާ ކަމަށާ އެ އިންކުއަރީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން