ހިއްމަފުށީ ފިޓްނެސް ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހިއްމަފުށީ ފިޓްނެސް ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ކ. ހިއްމަފުށީގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޓައިބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން އެމްޓީސީސީން ބުނީ، އިމާރާތުގެ ބިންގަލުގެ މުހިންމު ބައެއް ކަމަށްވާ ޓައިބީމް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތްތަކުގެ ތެރެއިން، ބިން އެއްވަރުކުރުމާއި ކޮމްޕެކްޝަން ހެދުމުގެ މަސައްކަތްތައް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އަދި އޭގެ ފަހުން މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްގޮސް، މިހާރު ވަނީ އިމާރާތުގެ މައިގަނޑު އޮނިގަނޑުގެ މަސައްކަތްތަކާ ހަމައަށް ވާސިލުވެފައެވެ.

ހިއްމަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އެމްޓީސީސީއާ ދެމެދު އޮކްޓޯބަރު 2025 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޒުވާނުންނާއި އާންމު ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، ހިއްމަފުށީގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކާއެކު ކަސްރަތުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. އެމްޓީސީސީން އަމާޒު ހިފާފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު