ގއ. މާމެންދޫގައި 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހުގެރޭ ހިންގި ގްރޫޕް މާރާމާރީގައި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ މީހުންގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ތިން މީހަކަށާއި ކުޑަކުއްޖެއްގެ މައްޗަށް ވަނީ ދަޢުވާކޮށްފައެވެ. ޢުދައްޔުގެ މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގެ، ޝަރަފު ރަޝީދު އާއި ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މައްސަލައިގެ ޕޯސްޓްމޯޓަމް ރިޕޯޓާ ބެހޭގޮތުން ހެކިބަސް ނެގުމެވެ.

ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ހެކިބަސް ދިން ޑރ ހަސަން އުމަރު ވިދާޅުވެފައިވަނީ އުދައްޔުގެ ބުރަކައްޓަށް ތޫނު އެއްޗަކުން އަނިޔާ ލިބި ހަށިގަނޑަށް ލޭ ފޯރުކޮށްދޭ މައި ލޭ ހޮޅިއެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ. އޭގެ ސަބަބުން ފުއްޕާމެއަށް 1345 އެމްއެލްގެ ލޭ އެޅި ފުއްޕާމޭ ފިތިފައިވާ ކަމަށް ޑރ ވަނީ ވިދާޅުވެފައެވެ. އަދި އެއީ އަވަސްފަރުވާ ނުދެވިއްޖެނަމަ ފުރާނަޔަށް ގެއްލުން ވެދާނެ އަނިޔާއެއް ކަމަށްވެސް ޑރ ވިދާޅުވިއެވެ.

މީގެ އިތުރުން އުދައްޔުގެ ބޮލުގައި ތޫނު ނޫން އެއްޗަކުން ޖެހުމުގެ ސަބަބުން ކަންފަތާ ދިމާލުން ބޮލުގެ ވައަތް ފަޅީގެ އަރިމަތީ އިންނަ މަސްގަނޑަށް ލޭ ޖަމާވެ ލޭ ގަނޑުވެފައިވެއެވެ.

މިއަދު އިތުރުހެކިވެރިއެއްގެ ހެކިބަސް ނަގާފައެއް ނުވެއެވެ. މައްސަލާގައި އަދިވެސް ދައުލަތުގެ 6 ހެއްކެއްގެ ހެކިބަސް ނުނެގި އެބައޮތެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ އަންނަ އޯގަސްޓު މަހުގެ ތެރޭގައިކަމަށެވެ.

ޢުދައްޔުގެ މަރުގެ މައްސަލާގައި ދަޢުވާ ލިބޭ މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.

އުދައްޔުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާއިރު ބައެއް ޒަޚަމްތަކުގެ ފުންމިނުގައި ފަސް އިންޗި ހުރި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ ބުރަކަށިން ހިތާ ދިމާއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން