'ކޮފީ ވިތު ކަރަން ސީޒަން 7' ގެ ފުރަތަމަ އެޕިސޯޑުގައި ރަންވީރު ސިންގް އާއެކު ބައިވެރިވި އާލިއާ ބަޓް ވަނީ ފުރަތަމަ ފަހަރަށް ޓީވީ މެދުވެރިކޮށް ރަންބީރާއި އޭނާގެ ގުޅުމާ ބެހޭ ގޮތުން ތަފްސީލީ ވާހަކަތަކެއް ހިއްސާކޮށްފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ރަންބީރާ ކައިވެނިކުރި އާލިއާ ވަނީ ރަންބީރު އޭނާއާ ކައިވެނި ކުރުމަށް ހުށަހެޅި ގޮތާ ބެހޭ ގޮތުންވެސް ހިއްސާކޮށްފައެވެ.

އާލިއާ ބުނީ ރަންބީރު ކައިވެނި ކުރުމަށް ހުށަހެޅީ ކެންޔާގެ މަސާއީ މާރާ ޖަންގަލީގައި ޗުއްޓީއަކަށް އެތަނަށް ޒިޔާރަތްކޮށް އުޅުމުގެ ތެރޭގައިކަމަށެވެ. އާލިއާ ވަނީ އެއީ ދެމީހުންނަށް ހާއްސަ ތަނެއް ކަމަށްވެސް ފާހަގަކޮށްފައެވެ.

"ރަންބީރު މުޅިން އަހަރެން ހައިރާންކޮށްލި. ސަބަބަކީ މިކަމާ ބެހޭގޮތުން ދެމީހުންވެސް މާބޮޑު މަޝްވަރާތަކެއް ކޮށްފައި ނުވާތީ އުއްމީދުވެސް ނުކުރެވޭކަމަކަށް ވީމަ. ކުރިން އަހަރެމެން ވަރަށް ގިނަ ދުވަހު ކައިވެނީގެ ވާހަކަ ދައްކަމުން ދިޔައިން. އެކަމަކު ޕެންޑެމިކް އާހެދި ގިނަ ކަންކަން ޑިލޭވުމުން ފަހުން އަހަރެމެން ތިބީ އެވާހަކަ ނުދައްކާނެ ކަހަލަ ގޮތަކަށް،" އާލިއާ ބުންޏެވެ.

އާލިއާ ބުނީ ކައިވެނި ކުރުމަށް ހުށައަޅާ ވާހަކަ ރަންބީރު އެއްވެސް މީހަކަށް އަންގާފައިނުވާ ކަމަށެވެ. އަދި ސިއްރުން އެ ހާއްސަ ވަގުތުކޮޅުގެ ފޮޓޯ ނެގުމަށް ޓުއަރ ގައިޑް ގާތު އެދި ނަގާފައި ހުރި ފޮޓޯތަކުން ހައިރާންވި ކަމަށް ވެސް އާލިއާ ބުންޏެވެ.

ކޮފީ ވިތު ކަރަން ސީޒަން 7' ގެ ފުރަތަމަ އެޕިސޯޑުގައި ފެނިގެންދިޔަ، ރަންވީރު ސިންގް އާއި އާލިއާ ބަޓް އެކުގައި ޒޯޔާ އަޚްތަރުގެ ހިންދީ ފިލްމު "ގުލީ ބޯއީ" އިން ފެނިގެންގޮސްފައިވެއެވެ. އަދި ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" ގައިވެސް މިދެތަރިން އެކުގައި ފެނިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން