ރައުދާ އާތިފް
ރައުދާ އާތިފް
ބަންގްލަދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރުމަށް ބަންގުލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ރައުދާގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރަން ކޯޓުން އަމުރުކުރީ އެފަދަ އަމުރެއް ނެރެދިނުމަށް ރައުދާގެ ބައްޕަ 2019 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހުއެވެ.

ރައުދާގެ ބައްޕަ ޑރ. މުޙައްމަދު އާތިފްގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ވަކީލާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ ކޯޓުގެ ނިންމުމުގައި ރައުދާ ދަންޖެހުނީ ފަންކާގައި ޝޯލެއް އަޅުވައިގެން ކަމަށްވާނަމަ ފަންކާއަށްވެސް ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ރައުދާ ދަންޖެހިފައި ހުއްޓައި ފެނުމުން އެ ކޮޓަރިއަށް މީހުން ވަނީ ދޮރު ހަލާކުކޮށްލައިގެންކަމަށް ބުނާއިރު، ދޮރު ހަލާކުކޮށްލައިގެން ވަންކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން މި މައްސަލާގެ ތަހުގީގުގައި އިހުމާލުވެފައިވާ ކަމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ރާޖްޝާހީ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ ރައުދާގެ މަރުގެ މައްސަލަ އޭއެސްޕީ އޮފިސަރަކާއި ހަވާލުކޮށްގެން އަލުން ތަހުގީގު ކުރުމަށެވެ. މި މައްސަލަ ތަހުގީގުކުރުމަށް އަންގާފައިވާ އަމުރުގެ ކޮޕީ ރާޖްޝާހީގެ ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ވެސް ވަކީލް ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި މެޑިސިން ކިޔަވަމުން ދިޔަ، އުމުރުން 21 އަހަރުގެ ރައުދާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އޭނާ ކިޔަވަން އުޅުނު ރާޖްޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ ދިރިއުޅުނު ކޮޓަރި ތެރެއިންނެވެ.

ރައުދާގެ އޮޓޮޕްސީ ދެ ފަހަރަކު ހަދާފައިވާއިރު އޮޓޮޕްސީތަކުގެ ނަތީޖާއަށް ބަލައި، މައްސަލަ ތަހުގީގު ކުރުމަށް ފަހު ނެރުނު ދެރިޕޯޓުގައި ވެސް ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލާގައި އޭނާ އާއެކު ކިޔަވަން އުޅުނު ކުއްޖަކަށް ތުހުމަތު ކުރި އެވެ. ނަމަވެސް ބަންގްލަދޭޝްގެ ފުލުހުންގެ ތަހުގީގުން ފާހަގަވީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ރައުދާ އަމިއްލަ އަށް މަރުވީ ލޯބިވެރިޔާއާ މައްސަލަ ޖެހިގެން ކަމަށް ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެެވެ.

ރައުދާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުންވެސް ވަނީ ނިންމާފައެވެ. ރައުދާގެ މަރުގެ ރިޕޯޓު މަރު ކޮމިޝަނުން އެކުލަވާލާފައިވަނީ ބަންގްލަދޭޝްގެ ރަސްމީ ފަރާތްތަކުގެ އެހީތެރިކަމާއިއެކުއެވެ. އެ ރިޕޯޓުވެސް ރައުދާގެ ޢާއިލާއިން ބަލައިގެންފައެއް ނުވެއެވެ.

ރައުދާގެ އާއިލާއިން އޭނާގެ މަރުގެ ތުހުމަތު ރަހްމަތްތެރިންތަކަކަށް ކުރިނަމަވެސް އެކަން ބަންގްލަދޭޝްގެ ފުލުހުން ވަނީ ދޮގު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން