ބޮލީވުޑްގައި އަލަށް ތައާރަފްވި ތަރިންގެ ތެރޭގައި ހިމެނޭ ޖާންވީ ކަޕޫރު ބައްޕަ ބޭނުންވަނީ އިސްކޮޅުން ދިގުމީހަކާއި ޖާންވީ ކައިވެނި ކުރަންކަމަށް ޖާންވީ ހާމަކޮށްފިއެވެ.

ޖާންވީ ބުނީ އޭނާއާއި ކައިވެނި ކުރަން ބޭނުންވާ މީހާ އިސްކޮޅުން ދިގުވުން އެއީ ބައްޕަ ކުރުވާ ހަމައެކަނި ޝަރުތުކަމަށެވެ.

"ބައްޕަގެ އޮތީ އެންމެ ޝަރުތެއް. އެހެން އެއްވެސް ކަމެއް މުހިންމެއް ނޫން. ބައްޕަ ޝަރުތުކޮށްފަ އޮތީ އަހަރެން ކައިވެނި ކުރާ މީހާ ވާންޖެހޭނީ ހަމަ އަހަރެންނާއި ބައްޕަ ފަދައިން އިސްކޮޅުން ދިގު މީހަކަށް. ބައްޕަގެ އިސްކޮޅުގައި 6.1 ފޫޓު ހުރޭ،" ޖާންވީ ބުންޏެވެ.

ޖާންވީ މިހެން ބުނެފައިވަނީ އޭނާގެ ކުރިއަށްއޮތް ފިލްމު ގުޑްލަކް ޖެރީގެ ޕްރޮމޯޝަން އިންޓަރވިއުއެއްގެ ތެރެއިންނެވެ. ޖާންވީގެ ވާހަކައިން ޖާންވީ ބައްޕަ، ޖާންވީ އާއި ޖާންވީގެ ކޮއްކޮ ގެންގުޅެނީ އަދިވެސް ނިކަން ލޯބިންްކަން ހާމަވެއެވެ.

"ކުޑައިރު ބައްޕަ އަހަންނާއި ކޮއްކޮއަށް ކިޔައިދޭނެ، ބައްޕަ ބޭނުންވަނީ އަހަރުމެން ދެކުދިން ކައިވެނި ކުރުމަށްފަހު އިންނަ މީހަކަށް އަންގައިދޭން، ބައްޕަ އަހަރެންމެން ދެކުދިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ދަތުރުކޮށްދީފައިވާ ކަން. މިހާރު އަހަންނަށް ވިސްނޭ ބައްޕަ އެހެން ބުނަނީ، ބައްޕަ އަހަރުމެން ގެންގުޅޭހާ ލޯބިން އަހަރުމެން ކައިވެނިކުރާ މީހަކުވެސް އަހަރުމެން ގެންގުޅެން ޖެހޭނެކަން ދަސްކޮށްދޭންކަން." ޖާންވީ ބުންޏެވެ.

ޖާންވީ ކަޕޫރާއި އޭނާގެ ކޮއްކޮ ހުޝީ ކަޕޫރަކީ އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ބޯނީ ކަޕޫރު އަދި އިންޑިއާގެ ސިނަމާތަކުން ބޮޑު ކާމީޔާބީއެއް ހޯދި ސްރީ ދޭވީގެ ކައިވެންޏަށް ލިބިފައިވާ ދެކުދިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން