އިސްމާއިލް ޝައްފާން ޝަރީފް
އިސްމާއިލް ޝައްފާން ޝަރީފް
އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން ޝަރީފް މަރާލިކަން ސާބިތުވެ ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ 4 މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ. މީގެ ކުރިން އެމީހުންގެ ފަރާތުން މައްސަލަ ހައިކޯޓަށް އިސްތިއުނާފްކުރުމުން އެކޯޓުން މައްސަލަ ބަލައިގަނެފައެއް ނުވެއެވެ. ނަމަވެސް އިސްތިޢުނާފް މައްސަލަ ބަލައިނުގަންނަން ހައިކޯޓުން ނިންމި ނިންމުން ބަދަލުކޮށް އެ މައްސަލަ ބަލައިގަންނަން ސުޕްރީމް ކޯޓުން މިދިޔަ ޖުލައިމަހު ވަނީ އަންގައިފިއެވެ.

ހައި ކޯޓުން މީގެކުރިން އެ މައްސަލަ ބޭރުކޮށްލީ ގާނޫނުގައި އިސްތިއުނާފު ކުރަން އޮންނަ މުއްދަތުގެ ފަހުން މައްސަލަ ހުށަހެޅުމުން ކަމަށް ބުނެ އެވެ. އެމައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގަ އެވެ. އެއީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތަށް ވުރެ ފަހުގެ ތާރީހެކެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުން ބުނެފައިވަނީ، ދަށު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލަހުން ދޫކޮށްފައި އޮތުމުން އެމީހުންނަށް އިސްތިއުނާފަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި އެއީ އެ މީހުންގެ ބާރު ނުފޯރާފަދަ މަގުބޫލު ސަބަބެއް ކަމަށާއި އެކަމަށް ހައިކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެއެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން އަންގާފައިވަނީ 10 ދުވަސް ތެރޭގައި އެ މީހުންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށައެޅުމަށާއި ހައިކޯޓުންވެސް އިސްތިޢުނާފްގެ މައްސަލަ ބަލައިގަތުމަށެވެ. އެހެންކަމުން އެމީހުންގެ ފަރާތުން އިއްޔެ ވަނީ އެމައްސަލަ އަލުން ހައިކޯޓަށް ހުށައަޅާފައެވެ.

ގްރޭޑް ހަތެއްގައި ކިޔަވަމުންދިޔަ ޝަައްފާން މަރައިލި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދާއި ސ. މަރަދޫ، މޫންލައިޓްގްލޯރީ، ހަސަން ނަބާހް އާއި ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބާއި މއ. ޓޮމާޓާ ފްލާވާ، ހުސައިން ޖައިލަމުގެ މައްޗަށެވެ.

މީގެ ތިން އަހަރު ކުރިން އޮކްޓޯބަރު 11، 2018، ގައި ޝައްފާނު މަރާލީ، އޮޓޯ ގަރާޖު ކައިރިން ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައި ހުއްޓެވެ. މި މައްސަލާގައި ހަތަރު މީހުންގެ މައްޗަށް ހުކުމް އިއްވީ މިދިޔަ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ހާދިސާ ހިނގި ދުވަހުން ފެށިގެން ޖަލު ބަންދުގައި ތިބި ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އުމުރު ދުވަހަށް ޖަލަށްލުމަށެވެ. ނަމަވެސް އެމީހުން ބަންދުގައި ތިބި މުއްދަތު އުނިކުރުމަށްފަހު އެ ހަތަރު މީހުންގެ މައްޗަށްވެސް ގާޟީ ހަސަން ސައީދު ހުކުމް ކުރެއްވީ 21 އަހަރާއި 10 މަހާއި 25 ދުވަހަށް ޖަލަށްލުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން