އިސްލާމީ ޝަރީޢަތް ޤާއިމުވާނީ ހަސަދަވެރިކަމާ ފިތުނަ ފަސާދައިން ދުރުވެގެންކަމަށް ޤާނޫނު އަސާސީ އިސްލާޙުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނަފާ ނަސީމް މިމޭރުމުން ވިދާޅުވެފައިވަނީ، އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ޤާތިލަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު ދިނުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމަށް ސިޔާސީ ފަރާތްތަކުންވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.

އެކަމާ ގުޅިގެން ނަސީމް ވިދާޅުވީ އިސްލާމީ ޝަރީއަތަކީ ވޯޓުހޯދަން ޖަހާ ސިޔާސީ ފިއްޔެއް ނޫން ކަމަށާއި އެއީ ހަމައެކަނި ކުށްވެރިންނަށް އަދަބުދޭ ހަންމުއްޓެއް ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިސްލާމީ ޝަރީޢަތަކީ މާފުޅާ މާނައެއް އޭގައި އެކުލެވޭ އެއްޗެއްކަމަށް ނަސީމް ވިދާޅުވިއެވެ.

"އިސްލާމީ ޝަރީޢަތަކީ ތެދުވެރި އަޤީދާ. ރިވެތި އަޚްލާޤު. ލޯތްބާ އިންސާފު. ހަސަދަވެރިކަމާ ފިތުނަ ފަސާދައިން ދުރުވުން. އިސްލާމީ ޝަރީޢަތް ގާއިމްވާނީ އޭރުން." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ރާއްޖެއަށް ދިމާވެގެން އުޅެނީ އެހެންމައްސަލައެއް ކަމަށެވެ. އެގޮތުން މީހުން ޖާހިލުވެ މުނާފިގުކަން އިތުރުވުމުން ދީނެއް، ދުނިޔެއެއް، ހަމައެއް، އިންސާފެއް، ތަރައްގީއެއް، އުފާވެރިކަމެއް ނޯންނާނެ ކަމަށެވެ. އެރޮނގުން މިސާލު ޖައްސަވަމުން ނަސީމް ވިދާޅުވީ ޖަންގައްޔެއްގައި އޮމްބުޑްސްމަން ހެދިޔަސް އިންސާފު ނުލިބޭނެ ކަމަށެވެ.

ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ މަރާއި ގުޅިގެން ޤާތިލަށް މަރުގެ އަދަބު ދިނުމަށް ގިނަބަޔަކު ގޮވާލަމުން ދާއިރު ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާސް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން އެކަމަކަށް އިސްލާމީ ޝަރީއަތުގައިވާ އަދަބު ކަމަށެވެ.

މީގެ ކުރިން ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން އިއްވާ މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށް ޒަމާނުއްސުރެ އަމަލުކުރަމުންދާ މޮރިޓޯރިއަމްގެ ދަށުން ހުރިހާ ސަރުކާރަކުންވެސް މިހާތަނަށް އަމަލުކުރަމުން އައިސްފައިވަނީ އެއްގޮތަކަށް ކަމަށާއި، މި ސަރުކާރުންވެސް ދަމަހައްޓާނީ އެ ސިޔާސަތު ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ށ)ގައި ބުނަނީ އެއްވެސް މީހެއްގެ މައްޗަށް އެ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އަދަބެއް ތަންފީޒުކުރަންވާނީ އެމައްސަލައެއްގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު ސުޕްރީމްކޯޓުން އެއަދަބެއް ދިނުމަށް ހުކުމް ކޮށްފިނަމަ ކަމަށެވެ. އެހެން ނަމަވެސް އިސްލާމީ ޝަރީޢަތުގެ އިމުގެތެރެއިން ޙާކިމާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިޚްތިޔާރުގެ ބޭނުން ހިފުމަށް ހުރަސްނާޅާކަމަށް 1205 ވަނަ މާއްދާގެ (ނ) ގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން