ޔުވެންޓަސް އާއި އޭސީ މިލާން ރޭކުޅުނު މެޗުގެ ތެރެއިން
ޔުވެންޓަސް އާއި އޭސީ މިލާން ރޭކުޅުނު މެޗުގެ ތެރެއިން
ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕެނަލްޓީ ބޭކާރުވީ ނަމަވެސް އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އޭސީ މިލާނާ ދެކޮޅަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗް އެއްވަރުވި ނަމަވެސް ޔުވެންޓަސް ފައިނަލަށް ދަތުރުކުރީ މިލާނާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވުމުން އަވޭ ގޯލުގެ އުސޫލުން ކުރި ލިބިގެންނެވެ.

ރޭގެ މެޗްގެ ފުރަތަމަ ހާފު ފެށިގެން 16 ވަނަ މިނެޓުގައި ލީޑް ނަގަން ޔުވެންޓަސް އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ތިރީ ދަނޑިއަށެވެ. މިއީ މިލާންގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ޔުވެންޓަސް އަށް ދިން ޕެނަލްޓީ އެކެވެ.

ޕެނަލްޓީ އަށް ފަހު މިނެޓެއް ނުވަނީސް ޔުވެންޓަސްގެ ޑެނީލޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މިލާންގެ ކްރޮއޭޝިއާ ފޯވާޑް އަންޓޭ ރެބިޗް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ޔުވެންޓަސްއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ އިންޓަ މިލާނާއި ނަޕޯލީ މިރޭ ވާދަކުރާ ސެމީ ފައިނަލް ދެވަނަ މެޗުން ކުރި ހޯދާ ޓީމެކެވެ. މި ދެޓީމު އިންޓަގެ ދަނޑުގައި ވާދަކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ނަޕޯލީއެވެ. ނަޕޯލީ އާއި އިންޓަ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން