ސ. ހިތަދޫ، ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވި ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމް މެރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމުގެ ސައްޙަކަން ކަށަވަރުކުރުމަށް ދަޢުލަތުން އެމައްސަލަ ސުޕްރީމްކޯޓަށް ހުށައަޅައިފިއެވެ.

އަހުސަން ބަޝީރު މަރުވެފައިވަނީ 2011 ވަނަ އަހަރު މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. ޝަހުމް މެރުމަށް ހައި ކޯޓުން ހުކުމްކުރީ އެ ހަމަލާއަށްފަހު އަހުސަން މަރުމަތީގައި އޮވެގެން ބުނި ބަހަށް ބުރަދަން ދީގެންނެވެ

ޝަހުމްގެ މައްޗަށް ހައިކޯޓުން މަރުގެ ހުކުމް އިއްވިނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. އެގޮތުން ޝަހުމްގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރުމުން، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން މިހާރުވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އެކޯޓުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

މިމައްސަލައިގައި ދައުލަތުން ދައުވާކުރީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދުގެ މައްޗަށެވެ. ނަމަވެސް 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ.

މިމައްސަލަ ދައުލަތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން ނިންމީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެގޮތުން ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވިއިރު، ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިިވުމުގެ ދައުވާއެވެ.

މިމައްސަލައިގައި އަދަބު ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވި ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ގަސްދުގައި މީހަކު މެރުމުގައި ބައިވެރިިވުމުގެ ދައުވާ ސާބިތުވި ޝިމާޒްގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޝަހުމްއަކީ 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރުވި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން