އަހުމަދު ޝާހް   14 ސެޕްޓެމްބަރު 2022 - 18:21
ހއ. މާރަންދޫގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އަތޮޅުތަކުގައި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، 2023 ގެ ނިޔަލަށް ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅާލެވިގެން މެނުވީ ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

އެމްޓީސީސީން ބުނީ ހއ. މާރަންދޫ ފެރީ ސްޓޮޕަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ފެރީ ސްޓޮޕެއް ކަމަށެވެ. މާރަންދޫ ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއަކާއި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާޙާނާ ހިމެނެއެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" މަޝްރޫޢުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ. މި މަޝްރޫޢު ތަންފީޒު ކުރެވޭނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ދަތުރުތައް މިހާރުވަނީ ފަށައިފައެވެ.

މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޙިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރަށްތަކަށް ތަރައްޤީ ލިބިގެންދާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން