ޑެކްސަމެތަޒޯން؛ ކޮރޯނާ ވައިރަހަށް ފަރުވާދެވޭ މުޖައްރިބު ބޭހެއް
ޑެކްސަމެތަޒޯން؛ ކޮރޯނާ ވައިރަހަށް ފަރުވާދެވޭ މުޖައްރިބު ބޭހެއް
ޑެކްސަމެތަޒޯން ނަމަކަށް ކިޔާ އަގުހެޔޮ އާންމުކޮށް ލިބެން ހުންނަ ބޭހަކުން ކޯވިޑް-19 ގެ އެންމެ ނުރައްކާވާ މީހުންނަށް ވެސް ފަރުވާ ދެވޭ ކަމަށް އިނގިރޭސި ވިލާތުގެ ހަކީމީ ތަޖުރިބާކާރުން ހާމަކޮށްފިއެވެ.

ޑެކްސަމެތަޒޯން އަކީ ކޯވިޑް-19ގެ ބޭހެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އިނގިރޭސި ވިލާތުގެ ސިއްހީ މާހިރުންނާއި ހަވާލާދީ ބީބީސީގައި ބުނެފައި ވެއެވެ. ޑެކްސަމެތަޒޯން ބޭނުން ކޮށްގެން ވެންޓިލޭޓަރގައި މަރުމަތީގައި ތިބޭ މީހުން ވެސް ސަލާމަތް ކުރެވޭ ކަމަށް ސިއްހީ މާހިރުންގެ ހޯދުންތަކުން ވަނީ ކަށަވަރުވެފައެވެ.

އަދި މިއީ މިހާތަނަށް ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ބޭހެއް ހޯދުމަށް ދުނިޔޭގެ ހަކީމީ ސައިންސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގައި މިހާތަނަށް ލިބުނު އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ކުރިއެރުން ކަމަށްވެސް އިނގިރޭސި ވިލާތުގެ ސިއްހީ މާހިރުން ބުނެފައި ވެއެވެ.

ކޯވިޑް-19 ގެ އާލަމީ ވަބާގައި ހާލުބޮޑުވެ ވެންޓިލޭޓަރަށް ލާންޖެހޭ މީހުންނާއި އަދި އޮކްސިޖަން ދޭންޖެހޭ މީހުންގެ ތެރެއިން ވެސް ބޮޑުޕަސެންޓެއް މިބޭހުން ސަލާމަތް ކުރެވޭކަން އިނގިރޭސި ވިލާތުގެ ދިރާސާތަކުން ވަނީ ދައްކާފައެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ބޭސް ބޭނުން ކުރެވުނު ނަމަ އިނގިރޭސި ވިލާތުން މިބަލީގައި މަރުވެ ގޮސްފައިވާ 5000 މީހުން ސަލާމަތް ކުރެވުނީސް ކަމުގައި މި ބޭހުގެ ދިރާސާކުރި ފަރާތްތަކުން ބުނެފައި ވެއެވެ.

މިބޭހަކީ ވަރަށް އަގުހެއު އަދި އާންމުކޮށް ލިބެން ހުންނަ ބޭހަކަށްވާތީ މިއީ މިހާރު ކޯވިޑް-19 ހަލުއިކަމާއެކު ފެތުރެމުންދާ ފަގީރު އަދި ސިއްހީ ނިޒާމު ނިކަމެތި ގައުމުތަކަށް ލިބުނު ވަރަށް ހެއު ޚަބަރެއްކަމުގައި ވެސް މާހިރުން ބުނެފައި ވެއެވެ.

ކޮރޯނާވައިރަސް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހެނީ ގާތްގަނޑަކަށް ކޮންމެ ވިހި މީހުންގެ ތެރެއިން އަކަކަށެވެ. އަނެއް 19 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓް ނުކޮށް ސަލާމަތް ކުރެވޭ މީހުންނެވެ.

ޑެކްސަމެތަޒޯން އަކީ މިހާރުވެ ސް އިންފްލަމޭޝަންއަށް ފަރުވާ ދިނުމަށް އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.

އޮކްސްފޯރޑް ޔުނިވަރސީޓީން ކުރިއަށް ގެންދާ މިބޭހުގެ ތަހުލީލުތަކުގައި ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ 2000 މީހުންނަށް ބޭސްދީފައިވާއިރު އަޅާކިޔާފައިވަނީ މިބޭސް ނުދީ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ 4000 މީހުންނާއެވެ. އެގޮތުން ވެންޓިލޭޓަރގައި ފަރުވާ ދެމުންދާ މީހުން މަރުވާ އަދަދު ކަމަށް ބެލެވޭ 40 އިންސައްތަ 28 އިންސައްތައަށް ވަނީ ދަށް ކުރެވިފައެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން އޮކްސިޖަން ދޭން ޖެހޭ މީހުންގެ ތެރެއިން މަރުވާ 25 އިންސައްތަ މީހުން، 20 އިންސައްތައަށް ދަށް ކުރެވޭ ކަމަށް ދިރާސާ ތަކުން ވަނީ ދައްކާފައެވެ.

"މިހާތަނަށް ކުރެވިފައިވާ ދިރާސާ ތަކަށް ބަލާއިރު މަރުވާ ރޭޓް ދަށްކުރެވޭ ބޭހެއްގެ ގޮތުގައި ހޯދިފައިވާ ހަމައެކަނި ބޭހަކީ މިއީ. މިއީ ބައްޔަށް ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް." ޗީފް އިންވެސްޓިގޭޓަރ ޕްރޮފެސަރ ޕީޓަރ ހޯބީ ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން