ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ވެބްސައިޓްތަކާއި އޮންލައިން އެޕްލިކޭޝަންތައް ތަރައްގީކުރުމަށް ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުގެ ސެކިއުރިޓީ މައްސަލަތަކެއް ފެންމަތިވެ، އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ސައިބާ ހަމަލާތަކެއް ދިނުމަށް ހެކަރުން މަސައްކަތްކުރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ އިލްތިމާސްކޮށްފިއެވެ.

ފުލުހުން ރޭ އާންމުކުރި ސައިބާ ސެކިއުރިޓީ އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، ޕީއެޗްޕީގައި ހުރި ސެކިއުރިޓީ މައްސަލަތައް ފެނިފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ކުރި ދިރާސާތަކުން ކަމަށެވެ. ސެކިއުރިޓީ ނުރައްކާތަކުގެ ސީރިއަސްކަން ދެނެގަތުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ މިންގަނޑު ކަމުގައިވާ 'ކޮމަން ވަލްނަރަބިލިޓީ ސްކޯރިން ސިސްޓަމް' (ސީވީއެސްއެސް ވީ4.0) ގެ ދަށުން މި މައްސަލައަށް ވަނީ 9.2 ގެ "ކްރިޓިކަލް" ރޭޓިންއެއް ދީފައެވެ.

"ޕީއެޗްޕީ 2 ޝެލް"ގެ ނަމުން ނަންދެވިފައިވާ މި ވަލްނެރަބިލިޓީގެ ސަބަބުން، އެއްވެސް ޔޫސަނޭމް އަދި ޕާސްވޯޑަކާ ނުލައި ހަމަލާދޭ ފަރާތްތަކަށް ސާވާތަކުގައި ހުއްދަނެތި ކޯޑު ރަންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މީގެ ސަބަބުން ވެބްސައިޓްތަކުގެ ފުރިހަމަ ކޮންޓްރޯލް ހެކަރުންގެ އަތްދަށަށް ގޮސް، ސިއްރު މައުލޫމާތުތައް ހާމަވުމާއި އޮންލައިންކޮށް ދޭ ޚިދުމަތްތައް މެދުކެނޑުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ނުރައްކަލާ ގުޅިގެން ވޯޑްޕްރެސް ފަދަ ޕްލެޓްފޯމްތަކާއި ޕީއެޗްޕީ ބޭނުންކުރާ އެންމެހައި ސިސްޓަމްތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ މުއައްސަސާތަކަށާއި، ވިޔަފާރިތަކަށް އަދި ވެބްސައިޓްތައް ހިންގާ އެންމެހައި ފަރާތްތަކަށް ފުލުހުންނާއި ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅުމަށް ފުލުހުން އިލްތިމާސްކުރި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ޕީއެޗްޕީގެ ރަސްމީ ސެކިއުރިޓީ އަޕްޑޭޓްތައް ކަމުގައިވާ ވާޝަން 8.5.12، 8.4.27، 8.3.36، 8.2.35 ނުވަތަ އޭގެ ފަހުގެ ރަސްމީ ވާޝަނަކަށް ލަސްނުކޮށް ސިސްޓަމްތައް އަޕްގްރޭޑްކުރުމާއި، އައިޓީ އެޑްމިނިސްޓްރޭޓަރުން ނުވަތަ ހޯސްޓިން ޕްރޮވައިޑަރުންނާ ގުޅައި، ބޭނުންކުރާ ސާވާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިތުރު ސެކިއުރިޓީ ފިޔަވަޅުތައް އަޅައި، ސިސްޓަމްތައް މޮނިޓާކޮށް ގަވާއިދުން ބެލެހެއްޓުމާއި، ހުއްދަނެތި އެއްވެސް ފަރާތަކުން ސިސްޓަމަށް ވަދެފައިވާކަމަށް ޝައްކުކުރެވޭ ނަމަ، ޑިޖިޓަލް ހެކިތައް ނުގެއްލޭނެހެން ރައްކާތެރިކުރުމާއެކު ފުލުހުންނަށް ރިޕޯޓްކުރުން ހިމެނެއެވެ.

މީގެއިތުރުން، އެއްވެސް ކަހަލަ ސައިބާ ހަމަލާއަކަށް ޝައްކު ކުރެވިއްޖެ ނަމަ ނުވަތަ ސިސްޓަމަކަށް ހުއްދަނެތި ވަދެފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، އިތުރު ގެއްލުންތައް ހުއްޓުވުމަށްޓަކައި ވަގުތުން އެ ސިސްޓަމެއް ނެޓްވޯކުން ވަކިކުރުމަށްފަހު، ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް ރިޕޯޓްކުރުމަށް ވެސް ފުލުހުންގެ އެޑްވައިޒަރީގައި އެދިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް