ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް-
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް-
ރަސްމާލޭގައި ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލް-އައްބާރު ލައްވައި ކުރަންއުޅޭ ކަންކަމަށް ފާޑުކިޔައި ފުރައްސާރަކޮށްގެން ރާއްޖޭގައި ތިބި އެއްވެސް އިންވެސްޓަރަކު ނުގުޑާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލޭގެ ކަންކަމަށް އެ ބޭފުޅުން ފުރައްސާރަ ކުރަށްވާނެ ކަމަށެވެ. އަދި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރަށް ނުވަތަ ރަސްމާލޭ މަޝްރޫއަށް ފުރައްސާރަ ކޮށްގެން އިންވެސްޓަރުންނަށް އަސަރެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންވެސްޓަރުންނަށް މިހާރު ދަތިވެގެން އުޅޭ ހަގީގީ ސަބަބަކީ، ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ސަރުކާރުން އަންގާފައިވާ އެންގުމެވެ. އަދި އިންވެސްޓަރުން ގުޑާނަމަ، އެކަން އެގޮތަށް ވަނީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ، އަލް-އައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި މިހާރު ތިބި އިންވެސްޓަރުންގެ އިންވެސްޓުމެންޓުތަކަށް އަސަރުކޮށް، ގައުމަށް ގެއްލުންވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބެމުން އައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އަދި ދިވެހި ދައުލަތުގެ އެފަދަ ބޮޑު އިންވެސްޓުމެންޓެއް ވިއްކާލެއްވި ބޭފުޅަކު، މިއަދު ރަސްމާލޭގެ ވާހަކަ ދެއްކުމުން އިންވެސްޓްމަންޓަށް ގެއްލުންވާނެ ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރަސްމާލޭ މަޝްރޫއު ކުރިއަށް ނުގެންގޮސްވެސް ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމަށެވެ. އެގޮތުން ރަސްމާލޭގެ އިނިޝިއަލް ކޮމިޓްމަންޓުގެ ބަދަލުގައި އީގަލް ހިލްސް އިން ހުޅުމާލޭގައި އަޅަން އިއުލާނުކޮށްފައިވާ 5،000 ހައުސިން ޔުނިޓުގެ ބަދަލުގައި، އެމަނިކުފާނުގެ ވެރިކަމެއްގައި އެ އަދަދަށް ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"އޭގެ ކުރިން ވެސް އެހުރީ ޓަވަރުތައް އަޅާފައި. އެ ތަންތަން އިމާރާތް ކުރީ ދިވެހިންގެ ފުދުންތެރިކަމުން. ދިވެހިންގެ ސިޔާދަތާއި މިނިވަންކަމާއި ދީނާއި އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން މިގޮތަށް ހަލާކުކޮށްލަން ނޫޅޭ 5،000 ގެދޮރޭ ކިޔާފައި،" އީގަލް ހިލްސްގެ މަޝްރޫއާ ގުޅޭގޮތުން އިސްލާމީ މަރުކަޒުގެ އިސް އިމާމު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ މުހައްމަދު ލަތީފް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އީގަލް ހިލްސްގެ މަޝްރޫއުން ލިބޭނެ ފައިދާއަކާ ގުޅޭ ގޮތުން ވާހަކަދައްކައި މަޝްވަރާ ކުރަންވެސް ބޭނުންފުޅު ނުވާ ކަމަށާއި، މިކަމާ މުތުލަގަށް ދެކޮޅު ކަމަށެވެ.

މި މައްސަލައިގައި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރަށް އެންމެ ރަނގަޅު ގޮތަކީ އީގަލް ހިލްސް އެއްބަސްވުން ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ ތެރެއިން އެ މަޝްރޫއަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފާސްކުރުން ކަމަށެވެ. އަދި ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވަނީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން އެކަމާ ގުޅުންހުރި ބައެއް ގާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް