ވަގަށްނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާންގެ މައްސަލަ އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 3 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓައިފިއެވެ.

މި މައްސަލަތަކުގެ ތުހުމަތުގައި މިދިޔަ ޖޫން 26ގައި ހައްޔަރުކޮށް މިދިޔަ މަހުގެ 1 ވަނަ ދުވަހު ދައުވާ އުފުލިދަޢުވާ އުފުލާފައިވަނީ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުލްރަހީމް (އިސޫ) އާއި، އަހުމަދު އިސްމާއިލް (އަހަނދު) ގެ މައްޗަށެވެ.

އެ 3 މީހުން ހައްޔަރު ކޮށްފައިވަނީ ރިޟުވާން ވަގަށްނެގުމާއި، ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

މިހާތަނަށް މި މައްސަލައިގައި ތިން އަޑުއެހުމެއް ބާއްވާފައި ވާއިރު، ދެ ވަނަ އަޑުއެހުމުން ފެށިގެން އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެމީހުންގެ ބަންދުގެ މުއްދަތު ދަމަހައްޓާފައިވަނީ އެންމެ ފަހުން ބޭއްވި މައްސަލައިގެ އަޑުއެހުމުގައެވެ.

މި މައްސަލާގައި ހައްޔަރުކުރި އިސޫއަކީ މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި އަދި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ. އަދި ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި، ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. އަދި މުއާޒަކީ ވައްކަމާއި އެނޫންވެސް ޖިނާއީ ކުށްތަކުގެ ރެކޯޑު އޮންނަ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން