ދުވާލަކު ދެތިން ތަށި ކޮފީ ބުއިމަކީ އުމުރު ދިގުވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާއިން ދައްކާ ގޮތުގައި ކޮފީން ދުރުހެލިވުމާ އަޅާބަލާއިރު، ކޮފީ ގިނައިން ބުއިމަކީ ކާޑިއޯ ވެސްކިއުލަރ ބަލިތައް ނުވަތަ ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވުމާ ގުޅުން ހުރި އެއްޗެކެވެ.

މި ދިރާސާގެ ހޯދުންތައް އަމާޒުކޮށްފައިވަނީ އިންސްޓަންޓް އަދި ޑީކެފެއިނޭޓެޑް ފަދަ ކޮފީގެ އެކި ބާވަތްތަކަށެވެ. އެގޮތުން ކޮފީ ބުއިމަކީ ދުޅަހެޔޮ ދިރިއުޅުމެއްގެ އެކުވެރިއެއްގެ ގޮތުގައި ބަލަން ޖެހޭނެކަމަށް މިދިރާސާއިން ހާމަކުރެއެވެ.

ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓޭޓިވް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ މިދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި އެންމެ ބޮޑަށް ރިސްކް ކުޑަވެފައިވަނީ ދުވާލަކު ދެ ތަށި ނުވަތަ ތިން ތަށި ކޮފީއިންނެވެ. 12.5 އަހަރުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ދިރާސާއިން، ކޮފީ ނުބުއިމާ އަޅާބަލާއިރު، ޑީކެފް، ގްރައުންޑް އަދި އިންސްޓަންޓް ކޮފީ ގިނައިން ބޯނަމަ، އިންސާނާ މަރުވުމުގެ ފުރުސަތު 14 އިންސައްތަ، 27 އިންސައްތަ އަދި 11 އިންސައްތަ ދަށްވުމާ ގުޅުންހުރި ކަމަށް ބެލެވިފައިވެއެވެ.

މިދިރާސާ އެކުލަވާލި އޮސްޓްރޭލިއާގެ ބެކަރ ހާޓް އެންޑް ޑައިބެޓީސް ރިސާޗް އިންސްޓިޓިއުޓްގެ ޕްރޮފެސަރ ޕީޓާ ކިސްޓްލަރ ވިދާޅުވީ "މި ބޮޑު ދިރާސާއިން ކޮފީގެ ބާވަތްތަކުގެ ތެރެއިން ގްރައުންޑް، އިންސްޓަންޓް އަދި ޑީކެފެއިންގެ ބާވަތްތަކުގެ ކޮފީއަކީ ކާޑިއޯ ވެސްކިއުލަރ ބަލިތައް ޖެހުމާއި ކާޑިއޯ ވެސްކިއުލަރ ބަލިތައް ފަދަ ހިތުގެ ބަލިތަކުގެ ސަބަބަކުން މަރުވުން ދައްކޮށްދިނުމާ ގުޅުން ހުރި ކަމެއްކަން އެނގިގެން ހިނގައްޖެ" ކަމަށެވެ.

"ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި މަދުން އަދި އާދައިގެ މިންވަރަކަށްވެސް ގްރައުންޑް، އިންސްޓަންޓް އަދި ޑީކެފް ކޮފީ ބޭނުންކުރުމަކީ ދުޅަހެޔޮ ދިރިއުޅުމެއްގެ ބައެއްގެ ގޮތުގައި މުހިންމު" ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން