އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ މެންބަރުން މިނިކާ ބާޒުތަކާމެދު ފަރުވާތެރިވެ ތިއްބެވުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ނުކުމެވަޑައިގެންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރަށްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް މިއަދު ވިދާޅުވީ، މިނިކާބާޒުތަކާމެދު ޕީޕީއެމްގެ މެންބަރުން ވަރަށް ބޮޑަށް ފަރުވާތެރިވެ ވިސްނަންޖެހޭ ކަމަށެވެ. ހަމައެއާއެކު އެފަދަ ބާޒުތަކާމެދު ވަރަށްބޮޑަށް ފާރަވެރިވެ ހުންނެވިކަމަށްވެސް ޑރ. ޝަހީމް މިއަދު ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލައި، އެމަނިކުފާނު ރާއްޖެއަށް ގެނެސްދެއްވި ޤައުމީ ތަރައްޤީ ފަހަތައް ޖައްސުވާލުމުގައި ޢަމަލީގޮތުން ބައިވެރިވި ގިނަބަޔަކު މިހާރު ޕީޕީއެމްގައި ތިބިކަމަށް ވިދާޅުވެފައެވެ.

"ޔަޤީނުންވެސް އަޅުގަނޑުމެން މިތިބީ ހޭލާ. ނުކުޅެވޭނެ." ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ޕީޕީއެމުގައި ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރި ބަޔަކު ތިބިކަން ޑރ. ޝަހީމް ފާހަގަ ކުރެއްވި އިރު އެޕާޓީގެ އެޑްވައިޒަރުގެ މަގާމުގައި މިހާރު ހުންނެވި ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލަކީ އޭރު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި އެކަމަށްޓަކައި ޕާޓީގެ އެތެރޭގެ ކެމްޕޭން ވަރަށް ފޯރިއާއެކު ގެންދަނީ ކުރަމުންނެވެ. އެގޮތުން އިއްޔެވެސް ޕީޕީއެމުން ވަނީ 10،000 މެންބަރޝިޕް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ފުރާފައިވާ ފޯމުތަކެވެ. އެގޮތުން ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު 50 ފޯމު އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު 25 ފޯމް ފުރުއްވަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން