ގއ. މާމެންދޫގައި 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހުގެރޭ ހިންގި ގްރޫޕް މާރާމާރީގައި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު ވަރަށް ލާއިންސާނީކޮށް މަރާލި މައްސަލާގައި ހެކިބަސްދޭ ސިއްރުހެކިންނަށް ބިރު ދައްކާކަމަށް ދަޢުލަތުން ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ތިން މީހަކަށާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށް ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލަ ހުށައަޅާފައެވެ. ޢުދައްޔުގެ މަރުގެ މައްސަލައިގައި، ހިމެނޭ ކުޑަކުއްޖާގެ މައްޗަށް އުފުލި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް 14 ސެޕްޓެންބަރު 2022 ގައި ޖުވެނައިލް ކޯޓުން ވަނީ ކަނޑައަޅުއްވައިފައެވެ.

ޢުދައްޔުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށް ދައުވާ ކުރުމަށެވެ. އެމީހުންގެ ޝަރީޢަތުގެ އަޑުއެހުމެއް އިއްޔެ ބާއްވާފައިވާއިރު ދަޢުލަތުންވަނީ މައްސަލާގައި ހިމެނޭ ސިއްރުހެކިންނަށް ބިރު ދައްކާކަމުގެ ކަންބޮޑުވުން ކޯޓުގައި ފާޅުކޮށްފައެވެ.

އިއްޔެގެ އަޑުއެހުމުގައި ހެކިބަސްދިން ހުރިހާ ހެކިންވެސް ބުނެފައިވަނީ ދަޢުވާ އުފުލާފައިވާ މީހުން މާރާމާރީ ހިންގި މަންޒަރު ދުށްކަމަށެވެ. އަދި ބައެއް މީހުން އުދައްޔުއަށް ތޫނުއެއްޗަކުން ހަމަލާދިން ކަމަށާއި އެމީހުންގެ އަތުން ވަޅި ފެނުނުކަމަށް ސިއްރު ހެކިވެރިން ބުނެފައިވެއެވެ.

ދަޢުލަތުން މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އުދައްޔުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާއިރު ބައެއް ޒަޚަމްތަކުގެ ފުންމިނުގައި ފަސް އިންޗި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ ބުރަކަށިން ހިތާ ދިމާއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން