ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަލަމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގު މިރޭ އަލުން ފަށާނެއެވެ.

ކޯވިޑް-19 އާ ގުޅިގެން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މެދުކަނޑައިލި ލީގު އަލުން ފަށާނީ މިރޭ ރާއްޖެ ގަޑިން 10:00ގައި އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ މެޗުންނެވެ. އަދި ދަންވަރު 00:15 ގައި ފަށާ މެޗުގައި މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.

ލީގުގެ ފުރަތަމަ ހަފުތާގެ މެޗުތައް ފެށުމުގެ ކުރިން ކޯވިޑް-19 ގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަށް ނިންމާފައިވާ އިރު، ފްރަންޓް ލައިންގައި މަސައްކަތްކުރާ ހެލްތު ޕްރޮފެޝަނަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ކުޅުންތެރިއެއްގެ ޖާޒީގެ ކުރިމަތީގައި "ހިތެއް"ގެ ޑިޒައިނަށް ބެޖެއް ހަރުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

ހަމަ އެއާއެކު ކުޅުންތެރިންގެ ނަމުގެ ބަދަލުގައި ޖަރޒީގެ ފަހަތުގައި ލިޔެފައި ހުންނާނީ "ބްލެކް ލައިވްސް މެޓާސް" ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ 12 މެޗުގައި ޓީމުތަކުގެ ޖާޒީގައި މި ލިޔުންކޮޅު ބޭނުންކުރަން ނިންމީ އެމެރިކާގެ ފުލުހުންތަކެއް މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ލީގުގެ ބާކީ 92 މެޗުގެ ކުޅުން އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ކޯވިޑް-19 އާ ގުޅިގެން ޕްރިމިއަރ ލީގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

ލީގުގެ އެއްވަނައިގައި 25 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލެވެ. ނުވަ މެޗުން ހަ ޕޮއިންޓް ހޯދައިގެން ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން